އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ކަންކަން ވަރަށް ރަނގަޅަށް އެނގޭކަމަށާއި އެވާހަކަ ރަނގަޅަށް ދައްކައިލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގެންނެވުމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުﷲ ހައްޔަރުކުރުމާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމާ ގުޅިގެން މިއަދު ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަދުރޭވަނީ މިސަރުކާރު އައިސްފައިވަނީ ރައްޔިތުންނަށް ކަމެއް ކޮށްދޭން ނޫން ކަމަށެވެ. އަދި ސަރުކާރުން މަގާމުތަކަށް އައްޔަން ކުރައްވާނީ ސަރުކާރުން ބޭނުންވާ މޭރުމުން ކަންކުރާ ބޭފުޅުން ކަމަށް ވިދާޅުވެ އަދުރޭ ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ވާހަކަ ވެސް ދައްކަވައިފައެވެ.
"އެމްއެމްޕީއާރުސީގެ ލާރީގެ ވާހަކަ އެ ދައްކަނީއެއްނޫންތޯ؟ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕް ނުނަގާތޯ އެފައިސާއެއް؟ ކޮންބައެއްތޯ ނެގީ؟ ކޮންބަޔަކާތޯ ހަވާލުކުރީ؟ މިވާހަކަ ރަނގަޅަށް ދައްކަވައިލައްވަން އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގަންނަވަންވީނޫންތޯ އަޅުގަނޑުމެންނާއެކު؟ އޭރުން އަޅުގަނޑުމެން ނިކަން ރަނގަޅަށް ދައްކައިލާނަން. އަޅުގަނޑުމެންނަށް އިނގޭތީއޭ މިވާހަކަ މިދައްކަނީ." އަދުރޭ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ މަޖިލީހުގެ ގިނަ މެންބަރުންތަކަކަށް ލިބިފައިވާ ކަމަށް ބުނެ ވާހަކަ ދެކެވުނު ނަމަވެސް އޭސީސީގެ ރިޕޯޓުގައި އެކަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ގިނަ ބަޔަކު އަންނަނީ އޭސީސީގެ ރިޕޯޓަކީ އެންމެ ފުރިހަމަ ނޫން ރިޕޯޓެއް ކަމާއި، އެ ރިޕޯޓުގައި ގިނަ މައުލޫމާތުތަކެއް އުނި ކަމަށް ބުނަމުންނެވެ.