ރިޕޯޓް

ގޯލްޑެން ފުޓްސަލް ޗެލެންޖު: ފެއިލިވާނެ ކަމަށް ބުނި ވިސްނުން، މިއަދު ރާއްޖޭގެ އެންމެ ހައިބަތުބޮޑު މުބާރާތަށް

މުޙައްމަދު ޝަމްޢޫން

ގޯލްޑަން ފުޓްސަލް ޗެލެންޖާއެކު އަތޮޅު ތެރޭގެ ފުޓްސަލްއަށް ދިރުން ގެނެސްދީފިއެވެ. ރަށު ފުޓްސަލްގެ ރޫހެއް އުފެދި، އެ މުބާރާތް އަތޮޅު ތެރޭގައި ފޯރި ހިފައިފިވެސް މެއެވެ. ފުޓްސަލްއަށް ގެނެސްދިން އިންގިލާބީ ބަދަލެކެވެ. ޒުވާނުންގެ އެތައް ބަޔަކަށް ހުޅުވުނު ފަހި ދޮރެއްވެސް މެއެވެ. އިރަކު މިއީ "ފެއިލް" ވެގެންދާ ވިސްނުމެއް ނަމަވެސް މިއަދު އަތޮޅު ފުޓްސަލް ކޮންސެޕްޓް ކާމިޔާބެވެ. އެއީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ދުރު ވިސްނުމުން، ބުރަ މަސައްކަތުން ނެރެދިން ޕްލެޓްފޯމެއްގެ ފޮނި މީރު ކަމެވެ. ދެ ރަށެއް ކުޅޭނަމަ، މުބާރާތް ހޫނުވެ ހުއްޓާލަން ޖެހޭ ޖެހުން މިއަދު ނިމިއްޖެއެވެ. މާ ޕްރޮފެޝަނަލް މާހައުލަކަށް ފުޓްސަލްވެސް ހޭނި، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ބްރޭންޑަކަށް ވެއްޖެއެވެ.

"ފުރަތަމަ ގޯލްޑަން ފުޓްސަލްގެ ކުރިން އަމިއްލަ އަތޮޅުގައި، ފ. އަތޮޅުގައި ފުޓްސަލް މުބާރާތެއް ބާއްވަން. މަށަކީ އޭރުވެސް ފުޓްސަލް ކުޅޭ މީހެއް ނޫން. ރެފްރީކަން އޭރުވެސް ކުރަން. އޭގެ ކުރިން ސްކޫލުގައިވެސް ފުޓްސަލް ނުކުޅެން. އެހެންވިޔަސް އަބަދުވެސް ކަންކަން ރާވަން މަސައްކަތް ކުރިން. ހައުސް ކެޕްޓަންކަންވެސް ކޮށް، ދެން ލީޑާޝިޕް ނަގައިގެން އުޅެނީ. ކުޅެން އުޅޭ ޓީމުތަކުގެ ޖާޒީ ކަންތައްތަކުގައިވެސް އުޅެވޭ. މުބާރާތް ބާއްވަމުން އައީ ސްކޫލު ތެރެއިންވެސް ފެށިގެން. ރަށު ފެންވަރު، އަތޮޅު ފެންވަރުގައިވެސް،" ގޯލްޑަން ފުޓްސަލް ޗެލެންޖާ ހަމައަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކުރި ދަތުރުގެ ވާހަކަ "ވަން" އާ ހިއްސާ ކުރަން ފެށުމުގެ ގޮތުން، އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ ކުޑަކުޑަކޮށް އޭނާގެ ފަސް މަގަށް ހަނދާން ގެންގޮސްލިއެވެ.

ގޯލްޑަން ފުޓްސަލްއަކީ ރިލުވާންގެ އަތޮޅު ފ. އަތޮޅުން އައި ހިޔާލެކެވެ. ރަށު ލެވެލްގެ، އަތޮޅު ލެވެލްގެ އެތައް ތަޖުރިބާއަކުން އުފެއްދި ކޮންސެޕްޓެކެވެ.

"އޭރު ހަމަ ރަށްރަށުގައި ބާއްވާ އާދައިގެ މުބާރާތެއް ގޮތަށް ފެށުނީ. އޭރު ކުދިކުދި މުބާރާތް ބާއްވާނެ، މިސާލަކަށް ޖަންގަލް ކަޕް ކަހަލަ ނަން ނަމުގައި. އޭރު ދެން ވަރަށް ތަފާތު ހާލަތެއް އެއީ. އެކަމަކުވެސް އެއީ ތަޖުރިބާތަކެއް. އެބަ ޖެހޭ ބައެއް ރޭރޭ ދަނޑުގެ ފޯރިއަށް ތިބެންވެސް. ދަނޑަށް ފުޅިތޮށި ކަހަލަ އެއްޗެހި އަޅާނެތީ. އެއީ ދެން އޭރު އޮންނަ ވާދަވެރިކަން. ރަށުން ފަށައި، އަތޮޅު ފުޓްސަލް މުބާރާތް ފެށީ އަހަރެމެން ބެޗު ސްކޫލް ނިމުނު އިރަށް،" ރިލިވާން އޭނާގެ ހަނދާންތައް ހިއްސާކުރިއެވެ.

އަތޮޅު ފުޓްސަލް ނޫނީ މިނީ ކަޕެއްގެ މުބާރާތަކައިގެން ރިލުވާންގެ ޓީމު ނުކުތީ 2010 ހިސާބުގައެވެ. އޭރު އޮތް ނުބައި ވާދަވެރިކަމެއް ބަދަލުކުރަން ރިލުވާން ވިސްނުން ގެންގުޅުނު އިރު، އޭރު އަތޮޅުގައި ފުޓްސަލް ނުވެސް ނެތޭ ދެންނެވިދާނެއެވެ. އޭރު އޮތީ ސިކްސް އެ ސައިޑް ފަދަ ތަފާތު ކޮންސެޕްޓްތަކެވެ. ފުޓްސަލް ފ. އަތޮޅަށް ވުޖޫދުވީވެސް އެ މުބާރާތްތަކުންނެވެ.

"އޭރުވެސް އޮތީ ދެން މާހައުލު ތަފާތުކޮށް. ދެ ރަށެއްގެ ދެމެޗު މެޗެއް ކުޅެފިއްޔާ ތަޅައިގަންނަން ޖެހޭ. އޭރުވެސް ޒުވާނުން ތެރޭ އޮތް އެ މައްސަލަތައް. ދެން އެކަންކަން އެޑްރެސް ކުރުމާއެކު، ޖަމިއްޔާއެއް ހަދައިގެން ކުޅިވަރުގެ ކަލްޗާ ބަދަލުކުރަން މަސައްކަތް ކުރީ. ހުރިހާ ރަށްރަށުގެ ޒުވާނުން މެދުގައި ވާހަކަވެސް ދެއްކިން އެ ކަހަލަ ކަންކަން ބަދަލުކުރަން މަސައްކަތްތަކެއް ކުރަން. މުބާރާތެއް ބޭއްވީ އަސްލު އެކަންކަން ހައްލުކުރަން. ވަރަށް ބޮޑަށް ބަލައިގެން ފެށީ. އޭރު އޮތީވެސް ފުޓްސަލް އަށްވުރެ ބޮޑަށް ސިކްސް އެސައިޑް. އެއީ 2011 ހިސާބު، 2010 ހިސާބު،" ރިލުވާން ބުންޏެވެ.

ފ. އަތޮޅު ކީއްކުރަން ހެއްޔެވެ. މުޅި ރާއްޖެއަށްވެސް އޭރު ފުޓްސަލް އަލެވެ. ގަވާއިދުވެސް ވާނުވާގައެވެ. މެޗު ބޫޓުތަކުން ޓާފް ބޫޓުތަކަށް ބަދަލުކުރަންވެސް އޮތީ އުނދަގޫވެފައެވެ. އެ މާހައުލަށް ފ. އަތޮޅު މުބާރާތް ގެންގޮސް މިހާރު އޮތް ގޯލްޑަން ފުޓްސަލް ޓީމުން މެދު ރާއްޖެތެރޭގެ އެންމެ ބޮޑު އެއް މުބާރާތަށް ފ. އަތޮޅު ފުޓްސަލް މުބާރާތް ހެދިއެވެ. މަޝްހޫރު ކުޅުންތެރިން ގެންގޮސް މުބާރާތު ފޯރި ގަދަވެސް ކުރިއެވެ.

އަތޮޅު ތެރެއިން އައި މުބާރާތް ކުއްލިއަކަށް މާލެއަށް، ޗެލެންޖެއް ނަމަވެސް ކާމިޔާބު

"ސިޔާސީ ކަންތައްތަކެއްވެސް ވަދެ، ދެން ވަކި ހިސާބަކުން މުބާރާތް ހުއްޓުމަކަށް އައި. 2015 ވަނަ އަހަރާ ހަމައިން އަތޮޅުގައި ބޭއްވި ފުޓްސަލް މުބާރާތް ހުއްޓި، ވަރަށް ބޮޑަށް ފާޑު ކިޔުންވެސް އައި. އަހަރެމެންނަކީ މުބާރާތް ބޭއްވޭނެ ފެންވަރު މީހުންނެއް ނޫން ކަމަށްވެސް ކިޔައިފައި ހުންނާނެ. ދެން އެފަހަރު މާލެއަށް ބަދަލުވެ، ކުރީ މުބާރާތްތަކުގެ ތަޖުރިބާއާއެކު ބޮޑު މުބާރާތަކަށް ޕްލޭން ކުރީ،" ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ނަމުގައި މުޅި ރާއްޖެއަށް މުބާރާތެއް ބާއްވަން ވިސްނި ހިސާބު ރިލުވާން ކިޔައިދިނެވެ.

ރިލުވާންގެ ނަޒަރުގައި އޭރު އޮތީ ފުޓްސަލް މުބާރާތްތަކުގެ ކޮމްޕެޓިޓިވް މާކެޓެކެވެ. މުޅި ރާއްޖެއަށް ތަފާތު ކޮންސެޕްޓްތަކުގައި އިތުރު މުބާރާތްތަކެއްވެސް ބާއްވަމުން ދިޔައެވެ. ޗެލެންޖަކަށް އެކަންތައްވެސް ވިއެވެ. އޭގެ އިތުރުން ސްޕޮންސާއަށް މަސައްކަތް ކުރުމާއި، މުބާރާތެއްގައި ކުރަން ޖެހޭ މަސައްކަތް ކުރުމަށް ތަޖުރިބާކާރުން ކައިރިން ލަފާ ހޯދުމުން ފުރަތަމަ އައި ޖަވާބަކީ "ރިލުވާން ތިކަމެއް ނުވާނެ" ކަމަށް އައި ޖަވާބެވެ. ފައިސާ ނުދެވި، މައްސަލަތައް ޖެހޭނެ ކަމަށް އެތައް ބަޔަކު ބުނެ، އޭރު ބޮޑެތި މުބާރާތްތައް ބާއްވާ އެތައް ބަޔަކު ރިލުވާނާ ބައިވެރިވާން ބޭނުން ނުވާ ކަމަށް ބުންޏެވެ.

އެ ޖަވާބު ތަކާއެކުވެސް ކައިރީގައި އުޅުނު އެއްކޮށް މަސައްކަތްތައް ކުރި ކުދިންކޮޅެއް ބޭނުންކޮށްގެން ރިލޭ މުބާރާތަށް ޓީމެއް އެކުލަވާލައި މަސައްކަތް ފެށިއެވެ.

"ފުރަތަމަ މުބާރާތަށް މާކެޓް ކުރަން ރަށްރަށުގެ ގްރޫޕުތަކަށް އަޅައި، ބުރަކޮށް މަސައްކަތް ކޮށްގެން 37 ޓީމު ބައިވެރިކުރެވުނީ. ދެން އޭރާ ބަލައިފައި އެ އަދަދުވެސް ގޯހެއް ނޫން. އެކަމަކު ސްޕޮންސާ ހޯދަންވެސް ފުރަތަމަ އުނދަގޫތައް ދިމާވި. ސްޕޮންސާ ނުލިބި އެކުގައި އުޅުނު އެންމެން މާޔޫސްވި. އެހިސާބުންވެސް ބުނިން އަހަރެން ޒިންމާ ނަގާނަމޭ ހުރިހާ ކަމަކަށް. އެ ހާލުން ކޮންމެވެސް ގޮތަކުން މުބާރާތް ފެށީ. އަހަރެން އިނިން ތިންވަނަ ރެފްރީއަކަށްވެސް، ބޯޅަވެސް އުކަން ޖެހުނު. އެކަނި ކަން ކުރަން އުޅުނު އިރު، ދެތިން ދުވަހު ހުންނާނެ ބުރަވެގެން ގޮސް ރޮވިފަވެސް،" ރިލޭ ފުރަތަމަ މުބާރާތާ ގުޅިގެން ބުންޏެވެ.

އެހެނަސް އެއީ ހުއްޓުމަކަށް ރިލުވާން ނުހެދުންވީ މިއަދާ ހަމައަށް މެދުކެނޑުމެއް ނެތި، އިތުބާރާއެކު ގޯލްޑަން ފުޓްސަލް ޗެލެންޖު ވައިގައި ހިފި ސަބަބަކަށެވެ. ދަރަނީގައި ފުރަތަމަ މުބާރާތް ނިންމާލަން ޖެހުނު ނަމަވެސް، ދަރަނި އަދާކޮށް ދެވަނަ މުބާރާތެއް ރިލުވާނާއި ޓީމުން އިއުލާނުކުރީ ރަށްރަށުން ދިން ތަރުހީބުންނެވެ.

"ފުރަތަމަ މުބާރާތާއެކު މި ކޮންސެޕްޓް މާކެޓިން ކަންކަމަށްވެސް ކަމު ގޮސްފި. ސްޕޮންސަރުންގެ ވިސްނުން މި ކޮންސެޕްޓާ ގުޅޭތީ އުންމީދު އާވި. ކޮންމެ އަހަރަކުވެސް ކަންކަން ރަނގަޅު ކުރަމުން ގޮސް، އޭރުގައިވެސް ވިސްނުން ހުރި މިއީ ރާއްޖޭގެ އެންމެން ބަލައިގަންނަ ބްރޭންޑަކަށް ހަދަން. އެކަން ހާސިލު ވެއްޖެ އަސްލު ހަގީގަތުގައި،" ރިލުވާން ބުންޏެވެ.

ކޮންސެޕްޓް ވަރަށް ކަމުދޭ، މިއީ އަތޮޅު ޗެމްޕިއަނުން ކިޔާލަންވެސް ބޭނުންކުރާ މުބާރާތް

ރަށު ފުޓްސަލް ޓީމުގެ މެޗުތައް އިޖުތިމާއީ މަރުކަޒުތަކުގެ ބޮޑު ސްކްރީންތަކުގައި އަޅުވައިގެންވެސް ބަލައެވެ. ކުޅުންތެރިން ފުޓުބޯޅައިގައި ބޮޑެތި މުބާރާތްތަކަށް ގޮސް، ގައުމަށް ވޯލްޑް ކަޕާއި ޔޫރޯ ނަގައިދޭން މަސައްކަތްކުރާހެން ވަރުގަދަ ކުޅުންތެރިން ކެރިއަރުގައި އެންމެ ބޭނުންވާ އެކައްޗަކީ ރަށަށް ގޯލްޑަން ފުޓްސަލް ޗެލެންޖު ހޯދައިދިނުމެވެ. ރަށް ތަމްސީލުކުރާ، ރަށުގެ ފޯރި ގެނުވައި ފުޓްސަލް މުބާރާތަކަށް ގޯލްޑަން ފުޓްސަލް ޗެލެންޖު ވެފައިވުމާއެކު މިއަދު މި މުބާރާތަކީ "އަތޮޅު ފުޓްސަލް ޗެމްޕިއަނުން" ހޮވާލާނެވެސް މުބާރާތެވެ.

ކުޅުންތެރިންގެ ނަޒަރުގައިވެސް މުބާރާތް ހަމަ އެހާ ބޮޑެވެ.

"ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މިހާރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށް ގަބޫލުކުރަނީ. މިފަހަރު މި ކުޅެނީ ވާދޫ ޓީމަށް. އެއީ ރަސްމީ ޓީމު. އަތޮޅު ތަށި ނަގައިދޭން ބޭނުންވަނީ،" ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ފެންނާނެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިންތާ އަޔާޒް އަހުމަދު (އަޔާ) ބުންޏެވެ.

އޭގެ އިތުރުންވެސް އެތައް ކުޅުންތެރިންނެއްގެ ހިޔާލުހުރީ ރަށަށްޓަކައި ކޮންމެހެންވެސް ތަށި ހޯދުމަށެވެ.

"ގޯލްޑަން ފުޓްސަލް މުބާރާތް ހަތަރު އަހަރު ރަށު ޓީމު (އިނގުރައިދޫ)އަށް ކުޅެވިއްޖެ. ބުނެވޭނީ އިންތިޒާމާ އެއްޗެހި ވަރަށް ސަޅިއޭ. މުބަރާތު ކޮލިޓީ ހިފެހެއްޓޭ. ވަރަށް ރަނގަޅު ޗެލެންޖަކަށް ނުކުންނަން މި ވިސްނަނީ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް މިއީ. ހަމަ ސީދާ ތަށްޓައް ނުކުންނާނީ މިފަހަރު،" އަލީ ހާފިޒް (ހާއްޕެ)ވެސް ނިސްބަތްވާ އިނގުރައިދޫގެ އަހުމަދު އައިހަމް ބުންޏެވެ.

ކޮންމެއަކަސް ގޯލްޑަން ފުޓްސަލް ޗެލެންޖު މިއަދު ވަރަށް ފުރިހަމަ މުބާރާތަކަށް ވެއްޖެއެވެ. އިތުބާރު ހުރި މުބާރާތަކަށް މުބާރާތް ވެގެން ގޮސްފައިވާކަން އެނގެނީ މިއަހަރު 91 ޓީމަކުން މުބާރާތަށް މަސައްކަތްކޮށް، ވާދަކުރާތީއެވެ. 177 މެޗުގެ މުބާރާތް މިއަހަރު ފަށާނީ މިމަހު 19 ވަނަ ދުވަހު ހުޅުމާލޭ ޓާފް ދަނޑުތަކުގައެވެ. ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ޓައިޓަލްގައި މިފަހަރު މުބާރާތް ބާއްވާއިރު، މިއީ އެންމެ ކާމިޔާބު އެއް ކޮންސެޕްޓަށް ހިންގާ މުބާރާތްވެސް މެއެވެ.

"މި ހިޔާލަކީ ހަމަ ގިނަ ބައެއް އެކުވެ ގެނައި ހިޔާލެއް. ޒޯން ބުރުތަކާއި އަތޮޅު ބުރުތައް ކުޅެ ފުޓްސެލް މުބާރާތެއް ކާމިޔާބުކުރުން އެއީ ޗެލެންޖެއް ނަމަވެސް އެކަން ހާސިލުވެއްޖެ. ފުރަތަމަ ކޮޅުގައި ރަށްރަށަށް ނުގެންދާތީ އެކަމާ އުނދަގޫތަކެއްވެސް އައި. އެހެންނަމަވެސް މީގައި ވާ ގޮތަކީ ރެފްރީން ހޯދުމާއި، ރަށްރަށުގައި ކޮލިޓީ ހިފެހެއްޓުމަށް ބަލާއިރު، މުބާރާތް މާލޭން ބޭރަށް ގެންދަން ވަރަށް ހަރަދު ކުރަން ޖެހޭ. ޓްރާންސްޕޯޓަށް ބެލިއިރު، ފަށާ ދުވަސްކޮޅު ވީމާ އެކަން ކުރެވޭކަށް ނެތް. ގޯލްޑަން އަތޮޅު ތެރޭގައި ނުބޭއްވުނަސް، އަތޮޅު ތެރޭގެ މުބާރާތްތަކަށް ހިތްވަރުދީ، މުބާރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ވިސްނުން އެބަހުރި. އެކަމަކު ގޯލްޑަން ފުޓްސަލް މި އޮތް ކޮންސެޕްޓަކުން ބަދަލެއް ނުވާނެ." މުބާރާތުގެ ކުރިމަގަށްވެސް ބަލައިގައި ރިލުވާން ބުންޏެވެ.

މުބާރާތަށް އޮތީ ކުޑަ ދުވަސްކޮޅެކެވެ. ޓީމުތަކުން މިހާރުވެސް އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. "ވަން"އަކީ މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރެވެ. މުބާރާތުގެ ތަފްސީލުތައް އެންމެހާ ކިޔުންތެރިންނަށް "ވަން" އިން ގެނެސްދޭނެ ކަމަށް ޔަގީންކަން ދެމެވެ. އަތޮޅު ޗެމްޕިއަނުން، އަތޮޅު ފުޓްސަލް ކިންގުން ހޮވުމަށް އިންތިޒާރު ކުރަމާ ހިނގާށެވެ.