ޝަހީދާ އަބްދުﷲ ސައީދު
ވަޒީފާގެ މާހައުލުގައި އަންހެނުންނާ މެދު ކުރެވޭ ތަފާތުކުރުންތަކާއި ނިންމާ ނިންމުންތަކުގެ އަންހެނުންގެ ދައުރު އަދާކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ގާނޫނަށް ބަދަލުގެންނަން ޖެހިއްޖެނަމަ އެކަންކުރަން ތައްޔާރަށް ހުންނެވި ކަމަށް ގެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ޖެންޑާ މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި އެކަމަނާ މިހެން ވިދާޅުވެފައިވަނީ އަންހެނުންނާ ގުޅުންހުރި ގާނޫނުތައް ތަންފީޒުކުރާ މިންވަރު ބައްލަވައިލެއްވުމަށް އެސްޓީއޯއާއި އެލައިޑް އިންސްއަރެންސް ކުންފުނީގެ އަންހެނުން މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރު ޝިދާތާ ވިދާޅުވަނީ ގޭތެރޭގައާއި އޮފީސް މާހައުލުގައި އަންހެނުންނާ މެދު ކުރެވޭ މިންތީގެ ތަފާތު ކުރުންތަކާ ދެކޮޅަށް ތެދުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ ތަފާތުކުރުންތައް ނައްތައިލެވޭނީ އަންހެނުން އެކަމާ ދެކޮޅަށް ތެދުވެގެންކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
އަދި ރާއްޖޭގެ އާބާދީގައި އަންހެނުންގެ ނިސްބަތް ފިރިހެނުންނާ ގާތްގަނޑަކަށް އެއްވަރުވެފައިވާ އިރު ތައުލީމު ހާސިލުކުރާ ކުދިންގެ އަދަދު އިތުރުކަމުގައި ވިޔަސް، އެކަން ވަޒީފާގެ މާހައުލުގައި ފެނިވަޑައިނުގަންނަވާ ކަމަށް ވެސް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.