އިސްލާމީ ތާރީޚު

އާދަމުގެފާނުގެ ވާހަކަ - އިންސާނީ ތާރީޚުގެ ބަރަކާތްތެރި ފަތިސް - 1

ޑރ. މޫސާ އަންވަރު ޙަސަން

ކީރިތި ޤުރްއާނުގައި އެންމެ ރިވެތި ވާހަކަ ކަމުގައި ބަޔާން ކުރައްވާފައިވަނީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ވާހަކަތަކެވެ. އެވާހަކަތަކަކީ އަޅުގަނޑުމެންނަށް ޢިބުރަތާއި ވަޢްޟާއި ނަޞޭޙަތުގެ ގޮތުން މާތް الله سبحانه وتعالى ކީރިތިރަސޫލާއަށް ބަޔާން ކޮށްދެއްވާފައިވާ ވާހަކަތަކެކެވެ. އެގޮތުން ކީރިތި ޤުރްއާނުގައި އެންމެ ފުރަތަމަ ބަޔާން ކުރައްވާފައިވަނީ އާދަމް ޢަލައިއްސަލާމުގެ ވާހަކައެވެ.

ކިރިތި ޤުރްއާނުގައި އާދަމުގެފާނުގެ ނަންފުޅު 25 ފަހަރު ވާރިދުވެފައިވެއެވެ. އެކަލޭގެފާނުގެ ވާހަކަތައް ބަޔާންކުރައްވާފައިވަނީ البقرة، الأعراف، الحجر، الإسراء، الكهف، طه، ص މިސޫރަތްތަކުގައެވެ.

މާތް الله سبحانه وتعالى މަލާއިކަތުންނަށް މުޚާޠަބުކުރައްވައި ވަޙީކުރެއްވިއެވެ. ތިމަން ރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމެވެ. މިއީ އާދަމުގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު މިބިންމަތީގައި ލައްވަވާނެކަން އެބޭކަލުންނަށް ބަޔާން ކޮށްދެއްވުމުގެ ގޮތުން އެބޭކަލުންނަށް ކުރެއްވި ޚަބަރެކެވެ. ނުވަތަ ބޮޑުކަމެއް ވާންއުޅުމުގެ ކުރިން އެކަމުގެ ޚަބަރު އެބޭކަލުންނަށް ދެއްވުމުގެ ގޮތުން ކުރެއްވި އިޝާރާތެކެވެ. މަލާއިކަތުންނަށް އެންގެވި އެންގެވުމެކެވެ.

އެހިނދު އެމަލާއިކަތުން އެކަލާނގެއަށް ދެންނެވިއެވެ. ﴿وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ﴾ މާނައަކީ: ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟"

ޢަބުދު الله ބިން ޢުމަރު ވިދާޅުވެފައިވެއެވެ. "އާދަމުގެފާނުގެ އެއްހާސް އަހަރުކުރިން ބިމުގައި ދިރިއުޅެމުންދިޔައީ ޖިންނި ޝައިޠާނުންނެވެ. އެބައިމީހުން ބިމުގައި ލޭއޮހުރުވުމުގެ ނަތީޖާއެއްގެ ގޮތުން މާތް الله سبحانه وتعالى މަލާއިކަތުންގެ ލަޝްކަރެއް ފޮނުއްވައިގެން ޖިންނި ޝައިޠާނުން ބިމުން ފައްސަވައިލެވިއެވެ." އިބުނު ޢައްބާސް ވެސް މިފަދައިން ވިދާޅުވެފައިވެއެވެ. މިކަމާބެހޭގޮތުން ޙަސަނުލް ބަޞަރީ ވިދާޅުވެފައިވަނީ، އެބޭކަލުންނަށް އެކަން އިލްހާމު ކުރެވުނީކަމަށެވެ. އެބޭކަލުން ދެންނެވިއެވެ. ﴿وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ﴾ މާނައަކީ: "އެބޭކަލުން (އެހިނދު) ދެންނެވިއެވެ. އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަކިޔައި އިބަރަސްކަލާނގެއަށް ތަޤްދީސް ކޮށްކޮށް ތިއްބައެވެ." މާނައަކީ، އަޅަމެން އަބަދުވެސް އިބަރަސްކަލާނގެ އަށް އަޅުކަން ކުރަމުއެވެ. އަދި އަޅަމެންގެ ތެރެއިން އެކަކުވެސް އިބަރަސްކަލާނގެ އަށް ނުއުރެދެމުއެވެ. އިބަރަސްކަލާނގެ އިންސާނަކު އުފެއްދެވުމުގެ މުރާދަކީ އިބަރަސްކަލާނގެ އަށް އަޅުކަން ކުރުންކަމުގައި ވަނީނަމަ، އަޅަމެން ރެއާއި ދުވާލު އިބަރަސްކަލާނގެ އަށް އަޅުކަން ކުރަމުއެވެ.

މާތް الله سبحانه وتعالى އެބޭކަލުންނަށް ވަޙީކުރެއްވިއެވެ. ﴿قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ ﴾ މާނައަކީ: އެކަލާނގެ ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ."

އެއަށްފަހު މާތް الله سبحانه وتعالى އެބޭކަލުންނަށްވުރެ އާދަމުގެފާނުގެ ޢިލްމުވެރިކަމުގެ ގޮތުން ޝަރަފުވެރި ކުރެއްވިކަން ބަޔާންކޮށްދެއްވިއެވެ. ﴿وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا ﴾ މާނައަކީ: އަދި އާދަމުގެފާނަށް ހުރިހާ ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައިދެއްވިއެވެ. (އެބަހީ ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ ޙަޤީޤަތްތަކެވެ" އިބުނު ޢައްބާސް ވިދާޅުވެފައިވެއެވެ." އެއީ މީސްތަކުންގެ ތެރޭގައި މިތަޢާރަފުވެފައިވާ ނަންތަކެވެ. ފަރުބަދަތަކާއި، އިންސާނުންނާއި، ޖަނަވާރާއި ދޫނި ސޫފާސޫފިއާއި، އެނޫންވެސް ނަންތަކެވެ. މުޖާހިދުވިދާޅުވެފައިވެއެވެ. މާތް الله އެކަލޭގެފާނަށް އުނގަނައިދެއްވީ ހުރިހާ ޖަނަވާރުންގެ ނަންތަކާއި ދޫނިސޫފާސޫފީގެ ނަންތަކެވެ. ދެން އެއަށްފަހު މާތް الله سبحانه وتعالى މަލާއިކަތުންނަށް އެނަންތައް ހުށަހެޅުއްވުމަށް އާދަމުގެފާނަށް އަމުރުކުރެއްވިއެވެ. ﴿ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ فَقَالَ أَنبِئُونِي بِأَسْمَاءِ هَـٰؤُلَاءِ إِن كُنتُمْ صَادِقِينَ﴾ މާނައަކީ: ދެން އެތަކެތި މަލާއިކަތުންނަށް ހުށަހަޅުއްވައި ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ ދަޢުވާ ގައި) ތެދުވެރިން ކަމުގައިވާނަމަ، މިތަކެތީގެ ނަންތަކުން ތިމަންރަސްކަލާނގެއަށް ޚަބަރުދީ ބަލާށެވެ."

މިގޮތަށް މާތް الله سبحانه وتعالى ވަޙީކުރެއްވުމުން މަލާއިކަތުން ދެންނެވިއެވެ: ﴿قَالُوا سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ﴾ މާނައަކީ: މަލާއިކަތުން ދެންނެވިއެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަ ކަމުގެ ބޮޑުކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އެންގެވި އެއްޗެއްމެނުވީ އަޅަމެންނަށް އެނގިފައެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ދެނެވޮޑިގަތުން މޮޅު ޙިކުމަތްވަންތަ ރަސްކަލާނގެއެވެ."

މާތް الله سبحانه وتعالى އާދަމުގެފާނަށް އެންގެވީ އެކަލޭފާނަށް، އެކަލާނގެ އުނގަނައިދެއްވި ނަންތައް މަލާއިކަތުންނަށް ހުށަހެޅުއްވުމަށެވެ. ނުވަތަ ސިއްރުގައިވާ ކަންތައްތަކާއި ފާޅުގައިވާކަންތައް އެބޭކަލުންނަށް ކިޔައިދެއްވުމަށެވެ. މާތް الله سبحانه وتعالى ވަޙީކުރައްވައިފައިވަނީ. ﴿قَالَ يَا آدَمُ أَنبِئْهُم بِأَسْمَائِهِمْ فَلَمَّا أَنبَأَهُم بِأَسْمَائِهِمْ قَالَ أَلَمْ أَقُل لَّكُمْ إِنِّي أَعْلَمُ غَيْبَ السَّمَاوَاتِ وَالْأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنتُمْ تَكْتُمُونَ﴾ މާނައަކީ: "އެކަލާނގެ ވަޙީކުރެއްވިއެވެ. އޭ އާދަމުގެފާނެވެ. ކަލޭގެފާނު މަލާއިކަތުންނަށް އެ ތަކެތީގެ ނަންތަކުން ޚަބަރުދެއްވާށެވެ. ދެން އެކަލޭގެފާނު މަލާއިކަތުނަށް އެތަކެތީގެ ނަންތަކުން ޚަބަރުދެއްވި ހިނދު އެކަލާނގެ ވަޙީކުރެއްވިއެވެ. ތިމަން الله އުޑުތަކާއި ބިމުގެ ޣައިބު ދެނެވޮޑިގެންވާކަން ތިޔަބޭކަލުންނަށް ނާންގަވަންހެއްޔެވެ؟ އަދި ތިމަން الله ތިޔަބޭކަލުން ފާޅުކުރާކަންތަކާއި ވަންހަނާކޮށް އުޅޭކަންތައް ދެނެވޮޑިގެންވަމެވެ."

މާތް الله سبحانه وتعالى އެކަލާނގެ ޔަދުޤުދުރަތްފުޅުން އާދަމުގެފާނު ހައްދަވައި މަލާއިކަތުންނަށް އެކަލޭގެފާނަށް ސަޖިދަކުރެއްވުމަށް އަމުރުކުރެއްވިއެވެ. ނަމަވެސް އިބިލީސް އެކަމުން މަނާވެގަތެވެ. ﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ وَاسْتَكْبَرَ﴾ މާނައަކީ:" އާދަމުގެފާނަށް ސަޖިދަކުރާށޭ ތިމަން الله މަލާއިކަތުންނަށް އެންގެވި ހިނދު ކަންހިނގިގޮތް ކަލޭގެފާނު ކިޔާދެއްވާށެވެ. ފަހެ އިބިލީސް ނޫން އެހެން ހުރިހާ ބޭކަލުން ސަޖިދަކުރެއްވޫއެވެ. އޭނާ ސަޖިދައިން މަނާވެގަނެ ކިބުރުވެރިވީއެވެ."

މާތް الله سبحانه وتعالى އާދަމުގެފާނު ހައްދަވާފައިވަނީ މަށިންނެވެ. މާތް الله ވަޙީކުރައްވައި ފައިވަނީ: ﴿إِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِّن طِينٍ﴾ މާނައަކީ:"ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަލާއިކަތުންނަށް ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެ މަށީން އިންސާނަކު (ޔަޢްނީ އާދަމުގެފާނު) ހައްދަވާހުށީމެވެ."

އާދަމުގެފާނު ހެއްދެވި މަށިވަނީ މަރުޙަލާ ތަކަކަށް ބަދަލުވެގެން ގޮސްފައެވެ. މިކަމަށް އިޝަރާތް ކުރައްވައި މާތް الله سبحانه وتعالى ވަޙީކުރައްވައިފައިވަނީ: ﴿ وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِّن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ ﴾ މަނައަކީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަލާއިކަތުންނަށް ވަޙީކުރެއްވިއެވެ.
ހަމަކަށަވަރުން، މަށިން، ތިމަން الله އިންސާނަކު (އާދަމުގެ ދަރިޔަކު) އެބަހައްދަވަމެވެ. ހުރެހުރެ ނުބައިވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެން އައި މަށީންނެވެ."

މާތް الله سبحانه وتعالى އާދަމުގެފާނު ހައްދަވާފައިވާ މަށި ސިފަކުރައްވާފައިވަނީ، މުށި ތަކެއްފަދަ ހިކިމަށީގެ ގޮތުގައެވެ. ވަޙީކުރައްވައިފައިވަނީ: ﴿خَلَقَ الْإِنسَانَ مِن صَلْصَالٍ كَالْفَخَّارِ ﴾ މާނައަކީ: "މުށިތަކެއްފަދަ، ހިކިމަށިން، އެކަލާނގެ އިންސާނާ ހެއްދެވިއެވެ." އެއަށްފަހު މާތް الله سبحانه وتعالى އާދަމުގެފާނު ޞޫރަކުރެއްވުމަށްފަހު އެމައްޓަށް އެކަލާނގެ ރޫޙުފުޅުން ފުމެލެއްވުމުން ފުރާނައެޅިގެން ދިއައެވެ.


މާތް الله سبحانه وتعالى ވަޙީ ކުރައްވައިފައިވަނީ: ﴿فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ ﴾ މާނައަކީ: "ފަހެ ތިމަން الله އެއިންސާނާ ހައްދަވައި ފުރިހަމަކުރައްވައި، ތިމަން الله ގެ ފުރާނަފުޅުން (އެބަހީ: ތިމަން الله ގެ ރަސްކަންފުޅަށް މިލްކުވެގެންވާ ފުރާނައަކުން) އެއިންސާނާއަށް ފުމެލައްވައި (ފުރާނަ އަޅުއްވައި)ފިހިނދު އެ އިންސާނާއަށްޓަކައި ސަޖިދައަށް ތިޔަބައިމީހުން ތިރިވާށެވެ." ހުރިހާ މަލާއިކަތުން އެކަލާނގެ މިއަމުރުފުޅަށް ތަބަޢަވެ އެކަލޭގެފާނަށް ސަޖިދަކުރިއެވެ. ނަމަވެސް އިބިލީސް ބޮޑާވެގަތެވެ.

*******

އެޑިޓަރުގެ ނޯޓު: ޑރ. މޫސާ އަންވަރު ޙަސަން ވަނީ ”ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްލޭޓީވް ޕޮލިސީ“ އިން 2021 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ޕީއެޗް.ޑީ ހާޞިލު ކުރައްވާފައެވެ. މަޢްހަދުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަހާދާ އިޢުދާދިއްޔާ އަދި ޝަހާދާ ޘާނަވިއްޔާ ނިންމެވުމަށްފަހު، 2002 ވަނަ އަހަރު މިޞްރުގެ ޖާމިޢަތުލް އަޒްހަރުން އިސްލާމިކް ސިވިލައިޒޭޝަން އިން ފަސްޓް ޑިގްރީ ހާޞިލް ކުރެއްވިއެވެ. އަދި އެއަށްފަހު ވަނީ 2013 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ”އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް ފިޤުހު، އުޞޫލް ފިޤުހު“ އިން މާސްޓާރސް ޙާޞިލް ކުރައްވާފައެވެ. ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ޑރ. މޫސާ އަންވަރު ޙަސަން ފެއްޓެވީ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ މުޝްރިފް މުސާޢިދެއްގެ ގޮތުގައެވެ. ފަހުން އެ މަޖިލީހުގެ ޑިރެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ. މިވަގުތު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޡެއްގެ މަޤާމެވެ. މީގެ އިތުރުން ޑރ. މޫސާ އަންވަރު ޙަސަން އަކީ، ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރަކެވެ.

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ ހިތްވަރުދިނުމުގެ އިނާމު 2017 ވަނަ އަހަރު ވަނީ ޑރ. މޫސާ އަންވަރު ޙަސަންއަށް ލިބިވަޑައިގެންފައިވެއެވެ.

(ނުނިމޭ)