ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސަރުކާރުން ނިކުމެ އަޅުގަނޑުމެންނާ ގުޅުމުގެ ވަގުތު މިއޮތީ ޖެހިފައި ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދައިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުﷲ ހައްޔަރުކުރުމާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމާ ގުޅިގެން މިއަދު ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރީންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އަދުރޭ ވަނީ މި ގައުމުގައި ގައުމުދެކެ ލޯބިވާ، ކުރީގެ ރައީސް ޔާމީން ނޫން އިތުރު ވެރިއެއް ނެތްކަމަށާއި، ދެން އެންމެ ގާތް ކުރާ ވެރިއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މިހާރު މަޖިލީހުގެ ރައީސް ގާސިމް ކަމަށް ވިދާޅުވެފައެވެ. މިގޮތުން ގައުމު ވިއްކާ ހަދާއިރު ގާސިމް ނުހުންނާނެ ކަމަށާއި، ގައުމާއި ދީނަށް ހަޖޫޖަހާ އިރު އެކަމާ ދެކޮޅަށް ގާސިމް ނިކުންނަވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވަނީ ގާސިމް ސަރުކާރުން ނިކުމެ ޕީޕީއެމް އަދި ޕީއެންސީއާ ގުޅެންވީ ރައީސް ޔާމީން ހައްޔަރުކޮށްފާނެތީ ނުވަތަ ހައްޔަރުކުރުމުން ނޫން ކަމަށާއި ނަމަވެސް މިހާރު ވެރިކަން ކުރާ މައި ޕާޓީގެ އެކި މެންބަރުން ދީނާއި ގައުމަށް ހަޖޫ ޖަހައި، ދީނަށް ފުރައްސާރަކޮށް ހަދާތީ އެކަމާ ދެކޮޅަށް ކަމަށެވެ.