ބޮލީވުޑް

ލަވް އާޖް ކަލް2 ގެ ބަތަލަކީ ކާތިކްއެއް ނޫން

އިމްތިޔާޒް އަލީގެ ފިލްމު ލަވް އާޖް ކަލްގެ ދެވަނަ ބައިގެ ބަތަލަކީ ކާތިކް އާރްޔަން ކަމަށް ހަބަރުތައް ފެތުރޭތާ ވަނީ ގިނަ ދުވަސް ތަކެއް ވެފައެވެ. ނަމަވެސް ކާތިކް މިވަނީ އެކަން ދޮގު ކޮށްފައެވެ.

ސޯނޫ ކީ ޓިޓޫ ކި ސުވިޓީ ފިލްމުވެސް ކުޅެފައިވާ ކާތިކް ބުނީ އިމްތިޔާޒުގެ ފިލްމެއް ކުޅެން ވަރަށް ބޭނުން ވެފައިވާ ކަމަށާއި ނަމަވެސް ލަވް އާޖްކަލް2 ގައި އޭނާ ނުހިމެނޭ ކަމަށެވެ. އިމްތިޔާޒަކީ އޭނާގެ އެންމެ މަގްބޫލު ޑައިރެކްޓަރު ކަމަށްވެސް ކާތިން ވަނީ ބުނެފައެވެ. މީގެ ކުރިން އަޑު ފެތުރިފައިވާ ގޮތުގައި ފިލްމުގެ ބަތަލާގެ ބައިން ފެނިގެން ދާނީ ސާރާ އަލީ ޚާން އެވެ. އަދި ސާރާގެ ފަރާތުންވެސް ފިލްމު އުފައްދާ ފަރާތުންވެސް ފިލްމާ ގުޅޭ މާ ބޮޑު ވާހަކައެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން އަނަންޔާ ޕަންޑޭ އާ ރައްޓެހިވެގެން އުޅޭ ވާހަކަވެސް ކާތިކް ވަނީ ދޮގު ކޮށްފައެވެ. ސްޓޫޑަންޓް އޮފްދަ އިޔާ2 ގެ ބަތަލާ އަނަންޔާ އަކީ ގާތް ރަހްމަތްތެރިއެއް ކަމަށް ކާތިކް ވަނީ ބުނެފައެވެ.

ކާތިކް އާއި އަނަންޔާ "ޕަތީ ޕަތްނީ އޯރް ވޯ"ގައި އެކީގައި ފެނިގެން ދާނެއެވެ. އެ ފިލްމުގައި ދެން ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ބުމީ ޕެޑްނޭކަރުއެވެ.

އެންމެ އަވަހަށް ކާތިކް ދެން ފެނިގެން ދާނީ "ލުކާ ޗުޕީ"އިންނެވެ. އެ ފިލްމުގެ ބަތަލާއަކީ ކްރިތީ ސަނޮންއެވެ. ލުކާ ޗުޕީ ރިލީސް ކުރަން ހަމަޖެހިފައިވަނީ މާރޗް އެކެއްގައެވެ.