ޝަހީދާ އަބްދުﷲ ސައީދު
މިމަހުގެ ބާރަ ވަނަ ދުވަހު ސެނަހިޔާ ކައިރިން ކަފިހި ހުރަސްމަތިން ހުރަސްކުރަނިކޮށް ކާރަކުން ޖެއްސި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ ކާރަކުން ޖެހިގެން ގެނައި މީހާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށާއި އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ.
ވަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސްވެފައިވަނީ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ފިޓް ޖެހިގެންނެވެ.
މިއެކްސިޑެންޓްގައި އަންހެން މީހާ ވެއްޓި ސްޕީޑް ބްރޭކަރުގައި ބޯޖެހުމުގެ ސަބަބުން ބޮލުގެ ނާށިގަނޑުގައި ރެނދުލައި، ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ.
މިހާދިސާ ހިނގާފައިވަނީ ކަފިހި ހުރަސްމަތިން ދަނިކޮށް ދުރުން ދުއްވާފައި އައި ކާރަކުން ޖެއްސުމުން އަންހެން މީހާ ވެއްޓި ސްޕީޑް ބުރޭކަރުގައި ބޯޖެހިގެންނެވެ. އަދި ކައިރީގައި ހުރި އަންހެން މީހާ ގައިގައި ޖެއްސުމުން އޭނާގެ ފަޔަށް އަނިޔާވެފައިވެއެވެ.
އެމައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ވަނީ ޑްރައިވަރުގެ ލައިސަންސް ދެ އަހަރު ދުވަހަށް ހިފަހައްޓައި، އަދި ޓެކްސީ ކުރުމުގެ ހުއްދަވެސް ބާތިލުކޮށްފައެވެ.