ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހަނިމާދޫ ދާއިރާއަށް ވާދަކުރުމަށް ނިންމުމަށްފަހު، ޖުމްހޫރީ ޕާޓީން އެދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަށް ތާއީދުކުރަން ޕީޕީއެމުން ނިންމުމުން، ޕީޕީއެމްގެ ޓިކެޓް ދިން އިދުރީސް އަބްދުﷲ އަމިއްލަގޮތުން ވާދަކުރަން ނިންމައިފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އިދުރީސް އަބްދުﷲ ވިދާޅުވީ ޕީޕީއެމުން ޓިކެޓް ދޭން ނިންމުމާއެކު މަޖިލިސް އިންތިޚާބުގެ ކެމްޕެއިން އޭނާ ފަށާފައިވާ ކަމަށެވެ. އަދި ކެމްޕެެއިނަށް ވަރަށް ބޮޑު ހޭދައެއް ކުރި ފަހުން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް އޭނާއަށް ގުޅުއްވައި ޕީއެންސީއާއި ޕީޕީއެމުން ޖުމްހޫރީ ޕާޓީއަށް ތާއީދުކުރަން ނިންމިކަމަށް ވިދާޅުވި ކަމަށެވެ.
އިދުރީސް ވިދާޅުވި ގޮތުގައި ޓިކެޓް ދޭން ނިންމުމަށްފަހު، އެހެން ގޮތަކަށް ބަދަލުކުރާނަމަ އެކަން ކުރަންވާނީ ކެންޑިޑޭޓާ މަޝްވަރާކުރުމަށްފަހު، ކެންޑިޑޭޓުގެ ބަހެއްވެސް ހޯދައިގެންނެވެ.
''މިއީ ސިޔާސީ ގޮތުން ނިންމި ވަރަށް ބޮޑު ނިންމުމެއް. އަމިއްލަގޮތުން ވާދަކުރަން ނިންމީ ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންނާ މަޝްވަރާކޮށްފައި. ޓިކެޓް ނުދިނަސް ވޯޓްދޭން ތިބީ ރައްޔިތުން. ކެމްޕެއިންކުރަމުން ގޮސް ވަރަށް ބޮޑު ހަރަދެއް ކުރެވިއްޖެ. އެކަމަށް ސުވާލުކުރީމަ ޖަވާބެއް ނުދިން. ދެން އަތުން ކުރި ހަރަދަށް ޒިންމާވާނީ ކޮން ފަރާތަކުންތޯ،'' އިދުރީސް ވިދާޅުވިއެވެ.
އިދުރީސް ވިދާޅުވީ ޕާޓީގެ ނިންމުމަށް މަރުހަބާ ކިޔާނެ ކަމަށާއި އެކަމަކު ކޮންމެ ނިންމުމަކަށް މަރުހަބާ ކިޔެން ނެތް ކަމަށެވެ. އެގޮތުން ދާއިރާގެ ޓިކެޓް ދިނުމަށް ނިންމުމަށްފަހު އެހެން ޕާޓީއަކަށް ތާއީދުކުރުމަށް ޕާޓީން ނިންމި ނިންމުމަށް ތާއީދުކުރެވެން ނެތް ކަމަށް ވިދާޅުވިއެވެ.
ހަނިމާދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން ކުރިން ނިންމާފައި ވަނީ އިދުރީހެވެ. ނަމަވެސް ޕީޕީއެމުން މިހާރު ވަނީ އެދާއިރާއަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވައި މިހާރުވެސް އެދާއިރާގެ މެންބަރު، ހުސައިން ޝަހުދީއަށް ތާއީދުކުރަން ނިންމައިފައެވެ.