ޖުމްހޫރީ ޕާޓީ

އީޔޫގެ ސަފީރު ޖޭޕީގެ ލީޑަރު ގާސިމާ ބައްދަލުކުރައްވައިފި

މުހައްމަދު އައުޒަމް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޓުންގ-ލައި މާގިއޫ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު ޖުމުހޫރީ ޕާޓީގެ މައި އޮފީސް މާފަންނު ކުނޫޒުގައި ބޭއްވި އެ ބައްދަލުވުމުގައި ގާސިމްގެ އިތުރުން އެޕާޓީގެ ރައީސް އަލީ ވަހީދާއި، ނައިބުރައީސް ޑރ. އަބުދުﷲ މައުސޫމާއި އެކްޓިންގ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަނާއި، ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި، ފޮރިންގ ރިލޭޝަންސް ކޮމިޓީގެ ޗެއާ ޑރ. އާސިމް އަހުމަދު ބައިވެރިވެ ވަޑައިގަތެވެ.

އެ ބައްދަލުވުމުގައި ގާސިމް ދެއްކެވި ވާހަކަފުޅުގައި ރާއްޖެ ދިމިޤުރާތީ ހަމަތަކުންގެ މަތިން ކުރިއަށް ގެންދިއުމަށް ކުރެވެމުންދާ އިސްލާހީ މަސައްކަތްތަކަށް އީޔޫ އިން ގާތުން ބަލަމުން ގެންދާކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

އީޔޫގެ ސަފީރު މީގެކުރިން ވަނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވާފައެވެ.

ރާއްޖޭގައި ދިމިޤުރާތީ ހަމަތައް އަށަގަންނުވައި އިސްލާހީ މަސައްކަތްތަކާއި މުއައްސަސާތައް ހަރުދަނާކޮށް ހިންގުމަށާއި، ތިމާވެށީގެ ދާއިރާ އާއި ސަލާމަތީ ޚިދުމަތުގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމަށް އީޔޫ އިން ވަނީ ބުނެފައެވެ.