ކުޅިވަރު

މޮޅެއްނުލިބި، ލަނޑެއް ނުޖެހި، ރާއްޖެ ސެމީއަށް

ޑާކާ އިން: އަހުމަދު ޔަޝާއު – ވަން އޮންލައިން

ސާފް ސުޒުކީ ކަޕް 2018 ގެ ގްރޫޕް ސްޓޭޖްގައި މޮޅެއް ނުލިބި، ގޯލެއްވެސް ނުޖެހި، މުބާރާތުގެ ސެމީފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ.

ރާއްޖެ ސެމީއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖް ފަހު މެޗުގައި މިއަދު ހަވީރު އިންޑިއާ އަތުން 0-2 ގެ ނަތީޖާއަކުން ބަލިވެ، މި ގްރޫޕްގައި ދެން ހިމެނޭ ސްރީލަންކާއާ ހުރިހާގޮތަކުން އެއްވަރުވެ، މެޗަށް ފަހު އޮތް ގުރުއަތުލުމުން ކުރިލިބިގެންނެވެ. ރާއްޖޭގެ ޓީމުގެ ފަރާތުން ގުރުއަތުނެގީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޤަނީއެވެ. ލަންކާ ޓިމުގެ ފަރާތުން ނެގީ އެޓީމުގެ ކެޕްޓަން މަދުޝަންއެވެ.

ރާއްޖެ ގްރޫޕްގެ ހުރިހާ މެޗެއް ކުޅެ ނިމުނު އިރު، އިންޑިއާ ވަނީ ދެމެޗުން މޮޅުވެ ގްރޫޕް އެއްވަނައިގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކޮށްފައެވެ. ސެމީގެ ދެވަނަ ޖާގައަށް ވާދަކުރި ރާއްޖެ އާއި ލަންކާ ވަނީ ޕޮއިންޓުގެ ގޮތުންނާއި، ފައިދާ ގޯލުންނާއި، ޖެހިގޯލުންނާއި، ބައިކޮޅަށް ވަން ގޯލުންނާއި އަދި މިދެޓީމު ގްރޫޕްގައި ބައްދަލުކުރި މެޗުން ވެސް އެއްވަރުވެފައެވެ. އެހެންކަމުން، މުބާރާތުގެ ޤަވާއިދު ބުނާގޮތުން ސެމީފައިނަލަށް ދާ ޓިމު ބަލަން ދެން އޮންނަ ގޮތަކީ ގުރު ލުމެވެ.

މިއަދުގެ މެޗުގައި ރާއްޖެޓީމު ނުކުތީ ތިން ބަދަލަކާ އެކުއެވެ. ފުރަތަމަ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އަލީ ފާސިރު (ސެންޓޭ) އާއި، ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ހަސަން ނާއިޒް (ދާދު) ގެ ބަދަލުގައި ކޯޗުވަނީ އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި، އިބްރާހިމް މަހުދީ (ހަބޭސް އިއްބެ) އާއި އަޙްމަދު އިމާޒް (އާއްކޮ) ކުޅެން އަރުވާފައެވެ. އިންޑިއާ ޓިމުންވެސް މިއަދުގެ މެޗަށް ނުކުތީ ފަސް ބަދަލަކާއެކުއެވެ.

އިންޑިއާ ޓީމަށް މިއަދުގެ މެޗުގައި ލީޑު ނަގައިދިނީ މެޗުގެ 36 ވަނަ މިނެޓުގައި ނިކިލް ޗަންދްރަޝޭކަރު ޕުޖާރީއެވެ. ރާއްޖޭގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭނާވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. އޭގެ 8 މިނެޓުފަހުން އިންޑިއާވަނީ ލީޑު ފުޅާކޮށްފައެވެ. އެޓީމުގެ ޖެރީ ލަލްރިންޒުއާލާ ތަނަވަސްކުރި ފުރުޞަތެއްގައި މަންވީރު ސިންގްވަނީ ގޯލުގެ ދުރުކަނަށް ބޯޅަ އަމާޒުކޮށްލާފައެވެ. މެޗުގެ ދެވަނަ ހާފުގައިވެސް ގިނަ ހަމަލާ އުފެއްދީ އިންޑިއާއިންނެވެ. ނަމަވެސް، ރާއްޖޭގެ ގޯލްކީޕަރު ފައިސަލްވަނީ މި ހަމަލާތައް މަތަކޮށްފައެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ރާއްޖެއަށް ލަނޑު ޖަހަން އެންމެ ރަންގަޅު ފުރުޞަތެއް ލިބުނީ ބަދަލު ކުޅުންތެރިއެއްގޮތުގައި ކުޅެން އެރި އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ ފޮނުވާލި ބާރު ހިލޭޖެހުން އިންޑިއާގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ނޭޕާލާއެވެ. އިންޑިއާ ނުކުންނާނީ ޕާކިސްތާންއާ ދެކޮޅަށެވެ. އެދުވަހު ރާއްޖެ މެޗު ފަށާނީ 3 ޖަހާއިރުއެވެ.