ގާސިމް އިބްރާހިމް

އޭސީސީގެ ލިސްޓު ފުރިހަމައެއް ނޫން، އެ މައްސަލައިގައި ނަގުދު ފައިސާ ދިން މީހުންގެ ލިސްޓު ހާމަކުރޭ! : ގާސިމް

އިބްރާހިމް ޒަކީ

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރުނު ރިޕޯޓު، ފުރިހަމަ ނޫން ކަމަށާއި އެ މައްސަލައިގައި ނަގުދު ފައިސާ ދިން މީހުންގެ ލިސްޓު ހާމަ ކުރުމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އޭސީސީއަށް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މަޖިލިސް ކެމްޕެއިން ފެށުމުގެ ގޮތުން އދ ފެންފުށީގައި ރޭ ބޭއްވި ޖަލްސާގައި، އޭސީސީން ނެރެފައިވާ ލިސްޓަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެ ލިސްޓުގައި އެއޮތީ ބޭންކުން ޓްރާންސްފަ ކުރިމީހުން އެކަނި ކަމަށާއި، އެމައްސަލަ އިންސާފުވެރި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ނަގުދު ފައިސާ ގެންދިޔަ މީހުންގެ ލިސްޓު ވެސް ހާމަކުރަންޖެހޭ ކަމަށެވެ.

"އޭގަ އެއޮތީ އެއްބައި އެއީ ބޭންކުން ޓްރާންސްފަ ކުރިމީހުން، ކޮބައިތޯ ކޭޝް ގެންދިޔަ މީހުން، ކޭޝް ދިން މީހުން. އެމީސްމީހުން ހަމަ ލާރީގެ ގޮތުގައި ނަގުދު ފައިސާގެ ގޮތުގައި ދިވެހި ރުފިޔާ ދިން މީހުން، އެ ލިސްޓްވެސް އަދި އަޅުގަނޑަށް ހީވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަ ކުރައްވާނެހެން،" ގާސިިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، އޭސީސީން ނެރެފައިވާ ލިސްޓަކީ އެއްބައި މަދުކޮށް ކުރުގަޅުވާލައިގެން ނެރެފައިވާ ލިސްޓެއް ކަމަށާއި، އެ މައްސަލައިގަ ނަގުދު ފައިސާދިިން މީހުންގެ ނަންތައްވެސް ހިމަނަން ޖެހޭ ކަމަށެވެ.

"މިކަންކަން ދެނަހުރި މީހުން އެބަތިއްބޭ، ހުންނާނެކަން ޔަގީނޭ، އެކަކު ދެމީހަކު ނޫނޭ، އެތައްބައިވަރު މީހުން އުޅޭނެކަން ވަރަށް ސާފުކޮށް އެނގެއޭ. އެއީ ދައުލަތުގެ ފައިސާއަށްވި އެންމެ ބޮޑު ހިޔާނާތް އެކަން ބަލަންޖެހޭ. ނުފެންނަ ލިސްޓުވެސް އެބަ ފެންނަންޖެހޭ، އެލިސްޓު ހާމަކޮށްދެއްވައި ލިސްޓު ފުރިހަ ކޮށްދެއްވުން އެދެން،" ގާސިމް ވިދާޅުވި އެވެ.

އޭސީސީގެ ރިޕޯޓުގައި އެސްއޯއެފުން ގާސިމްގެ ވިލާ ޓްރެވަލްސްއަށް ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައި ގާސިމް ވިދާޅުވީ، އެ މުއާމަލާތަކީ ޑޮލަރު ގަތުމަށް ކޮށްފައިވާ ސައްހަ މުއާމަލާތެއް ކަމަށާއި، ކުންފުންޏަކުން ޑޮލަރުގަތުމަށް ބޭންކްގެ ޗެކަކުން ކުރާ މުއާމަލާތެއްގައި އެ ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާތޯ ނުވަތަ އެހެންތަނެއްގެ ފައިސާއެއްކަން އެއްވެސް ފަރާތަކަށް ނޭނގޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން މިދިޔަ ބުރާސް ފަތި ދުވަހު ނެރެފައިވާ އޭސީސީގެ ލިސްޓު ފުރިހަަމަ ނޫންކަ މަށް ވިދާޅުވެ ގިނަ ބަޔަކު އަންނަނީ އެ ލިސްޓު ފުރިހަމަ ކުރުމަށް ގޮވައިލަމުންނެވެ.