ކުޅިވަރު

ފަރީސްގެ ގޯލުން ދަނބިދޫ ބަލިކޮށް، މާބައިދޫ ފައިނަލަށް

އަބްދުﷲ ފަރީސް ޖަހައިދިން ގޯލާއެކު ލ. ދަނބިދޫ ކައުންސިލް ބަލިކޮށް، ގަމު ފުޓުބޯޅަ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ލ. މާބައިދޫ ކައުންސިލުން ހޯދައިފިއެވެ.

ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވަމުންދާ ގަމު ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗު މާބައިދޫން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު މާބައިދުއަށް ޖަހައިދިނީ އެޓީމުގެ ފޯވަޑް ފަރީސްއެވެ. ފަރީސްގެ ގޯލު ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. އެ ގޯލަކީ ދަނބިދޫ ގޯލްކީޕަރު ފަހަތުން ޖެހި ބޯޅައެއް މެދުތެރެއިން އަހުމަދު އަސްލަމް (ގައްޅި) ހޯދައި ކުރިއަށް ޖައްސާލުމުން އޭރިއާ ބޭރުން، ގޯލްކީޕަރު ބޯމަތިން ގޯލު ތެރެއަށް ފަރީސް އޮއްސާލި ހިތްގައިމު ގޯލެކެވެ.

މިއަދުގެ ސެމީއަށް މާބައިދޫ ދިޔައީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މުބާރާތުގެ ގްރޫޕު ބީގެ އެއްވަނައިގައި މާބައިދޫ ނިންމާލީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ފައިނަލްގައި މާބައިދުއާ ދެކޮޅަށް ނުކުންނާނީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި އެ ގްރޫޕުން ސެމީއަށް ދިޔަ ގޯޅި ސްޕޯޓްސް ކްލަބެވެ.

އިއްޔެ ހަވީރު ކުޅުނު ސެމީގައި އައިލެންޑް ޔޫތު ޔުނައިޓެޑް ބަލިކޮށް ގޯޅި ފައިނަލް ޔަގީން ކުރި އިރު، މާބައިދޫ އާއި ގޯޅި ގްރޫޕް ބީގައި ކުޅުނު މެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ.

ގަން ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި މާބައިދޫ އާއި ގޯޅި ވާދަކުރާ މެޗު އޮންނާނީ އަންގާރަ ދުވަހު ހަވީރުއެވެ.