ރިޔާސީ އިންތިހާބު

ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އަސަރު ފޯރާނެފަދަ ކަމެއް ދިމައެއްނުވޭ: އެޗްއާރްސީއެމް

މުހައްމަދު އައުޒަމް

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ދިމާވެފައިނުވާ ކަމަށް އެ އިންތިޚާބު އޮބްޒާވްކުރި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެ ކޮމިޝަނުން ނެރުނު ރިޔާސީ އިންތިޚާބު އޮބްޒާވްކުރި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ނިމިގެންގޮސްފައި ވަނީ ސުލްހަވެރިކަމާއެކު ކަމަށެވެ.

ގާނޫނާ ގަވާއިދާ ޚިލާފަށް އެއްވެސް ފަރާތެއްގެ ވޯޓުލުމުގެ ހައްގަށް ބުރޫއަރައި، އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެ ފަދަ ކަމެއް ހިނގާފައިނުވާކަން ފާހަގަކުރެވުނު ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

ނަމަވެސް އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ ބައެއްކަންކަން ފާހަގަކުރެވުނު ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓުގައިވެއެވެ.

އިންތިޚާބާ ކައިރިކޮށް އިންތިޚާބުގެ ގާނޫނަށް ބަދަލު ނުގެނައުމަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. މިދިޔަ ރިޔާސީ އިންތިޚާބާ ކައިރިކޮށް ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވެއެވެ.

އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަކީ އެކަމަށް ގާބިލު ބަޔަކަށް ހެދުމަށްޓަކައި ދެފުށް ފެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިން އޮފިޝަލުން ކަނޑައަޅައި އެކަށީގެންވާ ތަމްރީނު ދުރާލާ ދިނުމަށް ވެސް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ދާއިމީ ނަތީޖާ ދައްކާގޮތުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. އެއީ 58.40 ޕަސެންޓެވެ. އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އެއީ 41.60 ޕަސެންޓެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބުނީ 262،135 މީހަކަށެވެ. ނަމަވެސް ވޯޓުލާފައި ވަނީ 233،889 މީހުންނެވެ. މީގެ ތެރެއިން 230،757 ވޯޓަކީ ސައްހަ ވޯޓެވެ. އެއީ 98.70 ޕަސެންޓު ވޯޓެވެ. ބާތިލްވެފައި ވަނީ 3،132 ވޯޓެވެ. އެއީ 1.30 ޕަސެންޓު ވޯޓެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައި ވަނިކޮށް ރައީސް ޔާމީން ވަނީ ބަލި ގަބޫލުކުރައްވައި ކާމިޔާބު ހޯއްދެވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓާ ބައްދަލު ކުރައްވައި މަރުހަބާ ދަންނަވާފައެވެ. އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަނަވާ ޕީޕީއެމް އިން ވެސް ވަނީ އިންތިޚާބުން ބަލިވެއްޖެކަން ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކޮށްފައެވެ.

ނަމަވެސް އޭގެދުވަސްކޮޅެއް ފަހުން ރައީސް ޔާމީން ވަނީ ބަލި ގަބޫލުފުޅު ނުކުރައްވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އިންތިޚާބުގެ ވޯޓު ވަނީ އޮޅުވާލާފައި ކަމަށާއި އިންތިޚާބު ބާތިލްކޮށްގެން ނަމަވެސް ހައްގު ހޯދަން ޖެހޭ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ. އަދި ކޮންމެ ރެއަކު އެ ޕާޓީން އަންނަނީ އޮޅުވާލި ވޯޓުގެ ނަމުގައި މުޒާހަރާ ކުރަމުންނެވެ.