ސާތް ނިބާނާ ސާތިޔާގެ ތަރި ޕަރީދީ އަދި ބައިވެރިޔާ ކައުޝިކް ހަނީމޫން ރާއްޖޭގައި ހޭދަކުރަމުން އެބަދެއެވެ.
ސްޓަރ ޕްލަސްގެ މަޝްހޫރު ޑްރާމާ ސިލްސިލާ ސާތް ނިބާނާ ސާތިޔާގައި ޕަރީދީގެ ރޯލުން ފެނިގެންދާ ހުނަރުވެރި އެކްޓްރެސް ލަވޭ ސަސަން އާއި ކައުޝިކްގެ ކައިވެނި އޮތީ އިންޑިއާގެ އަމްރިޓްސާގައެވެ.
ލަވޭ ސަސަން އާއި ކައުޝިކްގެ ކައިވެނީގެ ހަފުލާ ބާއްވާފައި ވަނީ ގާތް ރައްޓެހިންނާއި އާއިލާ އެކުގައެވެ. އަމްރިޓްސާ ގައި ބޭއްވި ޕަންޖާބީ ވެޑިންއަށް ފަހު ބެންގަލޫރުގައި ވެސް ވަނީ ހަފްލާއެއް ބާއްވައިފައެވެ.
ދެމީހުންގެ ކައިވެނީގެ ރަސްމިއްޔާތި ބާއްވަން އެންމެ ފުރަތަމަ ނިންމާފައި އޮތީ އިޓަލީގައެވެ. ނަމަވެސް އާއިލާގެ ބައެއް މެންބަރުންގެ ޕާސްޕޯޓު ނެތުމުގެ ސަބަބުން އިންޑިއާގައި ކައިވެނި ހަފުލާ ބައްވަން ޖެހުނީއެވެ.
ލަވޭ ސަސަން އާއި ކައުޝިކްގެ ހަނީމޫން ފޮޓޯތައް ލަވޭ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.
ލަވޭ ސަސަން އާއި ކައުޝިކް ފުރަތަމަ ދިމާވެފައިވަނީ ވަޓްސްއެޕްގެ ގްރޫޕަކުންނެވެ. ދެމީހުންގެ ގުޅުން ބަދަހިވެ މިއަހަރުގެ މާޗް މަހުގައި ދެމީހުން ވަނީ އެންގޭޖްވެފައެވެ.
ސާތް ނިބާނާ ސާތިޔާގެ އިތުރުން ލަވޭ ސަސަން ވަނީ އެހެން ޓީވީ ސީރީސް ތަކުން ވެސް މަޝްހޫރުކަން ހޯދައިފައެވެ. އެގޮތުން ކިތްނީ މުހައްބަތްހޭގެ އިތުރުން ކިޔާ ހުވާ ތޭރާވާދާއިން ވެސް ވަނީ ފެނިފައެވެ.