ޕޮލިސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައެއް މައްސަލަތައް ފުލުހުން ތަހުގީގުކުރަން ފަށައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އާންމުކުރި ރިޕޯޓުގައި ހުރި ބައެއް މައްސަލަތައް ތަހުގީގުކުރަމުންދާކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދުހަމީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ އޭސީސީގެ ރިޕޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން ފުލުހުން އިތުރަށް ބަލައި ތަހުގީގުކުރަންޖެހޭ ބައެއް މައްސަލަތައް އެބަހުރިކަމަށެވެ. އެހެންކަމުން އެމައްސަލަތައް ބަލަން ފަށާފައިވާކަމަށް ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ އެރިޕޯޓާ ގުޅިގެން ތުހުމަތުކުރެވޭ ޖިނާއީ ކުށްތައް ކަމަށް ބެލެވޭ ބައެއް ކަހަލަ މައްސަލަތައް ބަލައި، ދިރާސާކޮށް ތަހުގީގު ކުރަންޖެހޭނީ ފުލުހުން ކަމަށެވެ.

'' މިސާލަކަށް މަނީލޯންޑްރިން، ނުވަތަ ފްރޯޑް ނުވަތަ ފޯޖަރީ ހިމެނޭކަމަށްވަންޏާ އެކަންކަން ބަލަންޖެހޭނެ. މިފަދަކަންކަން ކިހާވަރަކަށްތޯ މިކޭސްގައި ހުރީ، މިކަންކަން ބަލައި މިއާގުޅިގެން ފުލުހުން އެކިއެކި ކަންކަން ބަލައި ތަހްޤީޤުތަކުގެ ތެރެއިން މިހާތަނަށް ލިބިފައިހުރި ހެކި ޤަރީނާތަކާއި އޭސީސީގެ ރިޕޯޓުގައި ހުރިކަންކަމާ އެކަންކަން ގުޅުންހުރީ ކިހާވަރަކަށްތޯ ބެލުމުގެ މަސައްކަތް މިހާރު މިކުރަނީ." އެކްޓިން ކޮމިޝަނާ ހަމީދު ވިދާޅުވިއެވެ.

1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި އޭސީސީން ނެރުނު ރިޕޯޓްގައިވާ ގޮތުން ރާއްޖޭގެ ބައެއް ބޮޑެތި ވިޔަފާރި ކުންފުނިތަކާއި މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.