އުމަރު ނަސީރު

އިންޑިއާ ސިފައިން ފޭބުމަށް ގޮވާލީ ސަރުކާރު ވައްޓާލާކަށްނޫން، އޮޅުވެއްޖެކަމަށް ހީކޮށް ގޭގައި ސިންގާއެއް ނިންދަވާކަށް ނުވާނެ: އުމަރު

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖެއިން އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރަން ފެށި ކެމްޕެއިނަކީ ސަރުކާރު ވައްޓާލުމަށް ފެށި މަސައްކަތެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު އޭނާގެ ފޭސްބުކު ޕޭޖުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކެމްޕެއިންފެށީ އެކަމަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފާނެ ކަމަކަށް ވުމުން އިތުރަށް އެކަން ފުޅާވިޔަ ނުދިނުމުގެ ގޮތުން ކަމަށެވެ.

އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަންކަމަށް ބުރޫއަރާނެ ކަމެއް ނޫން ކަމަށް ބައެއް މީހުންނަށް ހީވި ނަމަވެސް، އިންޑިއާގެ އަމަލުތަކާއި އެމީހުން އެހެން ކުދި ގައުމުތަށް އެއްކޮށްލިގޮތަށް ބަލާއިރު މިއީ ދިވެހިން ހޭލާ ތިބެންޖެހޭ ކަމެއް ކަމަށެވެ.

އުމަރު ވިދާޅުވީ އޮޅުވެއްޖެކަމަށް ހީކޮށް، ބޮޑު ސިންގާއެއް ގޭގައި ނިންދަވަން ނުވާނެ ކަމަށާއި ދިވެހި ސިފައިންނަށްވުރެ ބާރުގަދަ ސިފައިންތަކެއް ދިވެހި ފަސްގަނޑުގައި ބައިތިއްބާކަށް ނުވާނެ ކަމަށެވެ.

''އެމީހުންގެ ނިޔަތް ބަދަލުވާނެ ވަގުތެއް ނޭނގޭނެ. އިންސާނުންނަކީ ހިޔާލާއި ފިކުރު ބަދަލުވާ ބައެއް. މިއަދު އެމްޑީޕީއާ އިންޑިއާ ސަރުކާރާ ދެމެދު އެކުވެރި ގުޅުމެއް އޮވެދާނެ. މާދަމާ އެގުޅުން ބަދަލުވެދާނެ. ކާކުތޯ މީގެ ދިހަ އަހަރުކުރިން ހީކުރީ އެމްޑީޕީ ޖަގަހަތަކުގައި ''ތިޔައީ ޒައީމޭ'' ލަވަ ޖަހާ ރައީސް މައުމޫނަށް އެމްޑީޕީ މީހުން ތައުރީފުކޮށްފާނެ ކަމަށް. އެކަމު ހާލަތު ބަދަލުވީ ގުޅުންތައް ބަދަލުވީ.'' އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ ހަމަ އެގޮތަށް އިންޑިއާގެ ވިސްނުންވެސް ބަދަލުވެދާނެ ކަމަށާއި އެދުވަހަކުން އިންޑިއާ ސިފައިން އެމްޑީޕީގެ ސަރުކާރުން އަންގާ ގޮތަށް އަމަލު ނުކުރާނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން އެންގީމައި ނުފޭބި ގޮތަށް އެމްޑީޕީގެ ސަރުކާރުން އެންގީމަވެސް އިންޑިއާ ސިފައިން ނުފައިބާނެ ކަމަށާއި މިއީ ދުނިޔެ ދެކެފައިވާ އަދި ތާރީޚުގައި ފެންނަން ހުރި ކަންތައްތައް ކަމަށް އުމަރު ވިދާޅުވިއެވެ.

އެގޮތުން 1975 ވަނަ އަހަރު އިންޑިއާގެ އަވައްޓެރި ގައުމެއްކަމަށްވާ ސިއްކިމް އިންޑިއާގެ ބާރުގެ ދަށަށް ގެންދިޔަކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ދިވެހި ގައުމާއި މެދު ދިވެހިން ޣާފިލުވެގެން ތިބެގެން ނުވާނެ ކަމަށެވެ.

އަދި ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކު މީހުން އިންޑިއާގެ ބާރުގެ ދަށުގައި އޮވެގެން ލިބުނީ ކޮންއެއްޗެއްތޯ އުމަރު ސުވާލުކުރައްވާފައި ވެއެވެ.

އުމަރު ވިދާޅުވީ މިއީ ހުރިހާ ދިވެހިންގެ ގައުމު ކަމަށާއި މިގައުމަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި މިނިވަންކަންމަތީ ތާ އަބަދު ބޭއްވުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމަށެވެ.