ޕީޕީއެމް

އުނގޫފާރު ދާއިރާގައި ޕީޕީއެމް ލީޑާޝިޕުގެ ތާއީދު ޖޭޕީގެ ކެންޑިޑޭޓަށް، ދާއިރާގެ މެންބަރުން މަތީނު ނެރެން ނިންމައިފި

1

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރ. އުނގޫފާރު ދާއިރާ އަށް ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ކެންޑިޑޭޓު އިލްހާމް އަހުމަދަށް ތާއީދުކުރަން ޕީޕީއެމުން ނިންމާފައި ވަނިކޮށް، އެ ދާއިރާގެ ތިން ރަށުގެ އިސް މީހުން ބައްދަލުކުރުމަށް ފަހު، ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުލް މަތީން މުހައްމަދު އަށް ތާއީދު ކުރަން ނިންމައިފި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ވެސް ހުންނެވި، މަތީނަށް އުނގޫފާރު ދާއިރާގެ ޓިކެޓު ދޭން ނިންމައިފަ އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަތީން މަޑު ކޮށްލެއްވުމަށް ޕީޕީއެމުން އޭނާއަށް އެންގެވީ މިއަދު އެވެ.

އުނގޫފާރު ދާއިރާގައި ހިމެނޭ އަނެއް ދެރަށް ކަމަށްވާ ހުޅުދުއްފާރާއި މާކުރަތު ޕީޕީއެމްގެ އިސް މީހުންނާ އެކު އުނގޫފާރުގައި ބޭއްވި ބައްދަލުވުމަކަށް ފަހު "ވަން އޮންލައިން"އަށް މައުލޫމާތު ދެމުން ޕީޕީއެމްގެ އިސް މީހަކު ބުނީ ޕާޓީން މަތީނަށް ދާއިރާއަށް ވާދަކުރަން ޓިކެޓު ނުދެވޭ ނަމަ އެ ޓިކެޓު ސަޕޯޓަރުން ދޭން ނިންމާފައިވާ ކަމަށެވެ.

"ޕާޓީން ޓިކެޓު ދޭން އުނދަގޫ ވަންޏާ އެކަން އަހަރެމެން ކޮށްލާނީ. އެއީ މައްސަލައެއް ނޫން. އަހަރެމެން ވެސް ދޭނީ ޓިކެޓު." ވަން އަށް މައުލުމާތު ދިން މީހާ ބުންޏެވެ. އޭނާ ބުނީ ދާއިރާއިން ނިންމީ މަތީނަށް ތާއީދުކޮށް މަތީނު ހޮވަން ކަމަށާއި އެކަން ޕާޓީއަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންނެވި މަތީން، ދާދި ދެންމެ "ވަން އޮންލައިން"އަށް ވިދާޅުވީ ރައްޔިތުންގެ އެ ނިންމުމަށް އޭނާ އިހުތިރާމުކުރައްވާނެ ކަމަށާއި އެގޮތަށް ކުރިޔަށް ވަޑައިގަންނަވާނެ ކަމަށެވެ.

"ޕާޓީގެ ޓިކެޓުގައި އަޔަސް ވޯޓު ދޭން މިތިބީ ރައްޔިތުން. އެމީހުންނަށް ޓަކައި އަޅުގަނޑުމެން މަސައްކަތް މިކުރަނީ. އެހެންވީމަ ރައްޔިތުންގެ އަޑު އަހަން ޖެހޭނެ. ރައްޔިތުންގެ ނިންމުމަށް އަޅުގަނޑު އިހުތިރާމު ކުރާނަން." މަތީން ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟