ޝަހީދާ އަބްދުﷲ ސައީދު
މާލެ ހިޔާ އެކެއްގެ އެއް ނަންބަރު ފުލެޓަށް ވަންނަން ހުރި ދޮރާ ދިމާއަށް އެއްކޮށްފައި ހުރި ކުނިތަކުގައި ފުޅަ އަޅައި މުޅި ސަރަހައްދުގައި ފުޅަތައް ދުވަން ފަށައިފިއެވެ.
މާލެ ހިޔާ އެކެއްގައި ދިރިއުޅޭ މީހަކު ''ވަންއޮންލައިން''އަށް މައުލޫމާތުދެމުން ބުނީ ކުނި އުކާނުލައިތާ މިހާރު 8 ދުވަސް ވެފައިވާ ކަމަށާއި ކުނި އަޅަން ބަހައްޓާފައި ހުރި ގޮޅި ފުރިގެން ދެވަނަ ބުރިއާ ހަމައަށް އަރާފައިވާކަމަށެވެ.
އަދި ކުނިތަކުގައި ފުޅަ އަޅައި އެސަރަހައްދުގައި ފުޅަތައް ނުކުމެގެން ދުވާ ކަމަށާއި އެއިން ފުޅައެއްގައި އިންޗިއެއް ހުންނަ ކަމަށް އޭނާ ބުންޏެވެ. އަދި އެސަރަހައްދުގައި ވަރަށް ގަދައަށް ކުނިވަސް ދުވާ ކަމަށް ވެސް ބުނެފައި ވެއެވެ. އޭނާ ބުނިގޮތުގައި މާލޭ ސިޓީ ކައުންސިލުގެ ބަޔަކު މިހާރު އަންނަނީ ކުނިތައް ނަގަމުންނެވެ.
މީގެއިތުރުން މާލޭ ހިޔާ އެކެއްގައި އަޅާފައި ހުރި ވޯޓާ ސަޕްލައި ފެންހޮޅިއެއް މިއަދު ފަޅައިގެން ގޮސްފައިވާ ކަމަށާއި މައި ހޮޅި ފަަޅައިގެން ގޮސް ދެގެއަކުން ފެންފައިބަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭގެ ސަބަބުން ތިރީގައި ހުރި ބައިތަކަށް ފެންވަދެ ފާރަށް ވެސް ފެންވަދެފައިވާކަމަށެވެ.
އޭނާ ބުނީ މިއަދު ލޮނު ފެން ވެސް ނުލިބޭ ކަމަށެވެ. އެހެންކަމުން ފާހާނާއަށް އަޅަން ޖެހެނީ ވެސް ވޯޓާ ސަޕްލައި ފެން ކަމަށެވެ.
އޭގެ އިތުރުން އިންސާނުން ވަދެ ނުކުމެ އުޅެން ނުވާ މިންވަރަށް އިމާރާތުގެ ލިފްޓް ގޮޅިވެސް ހަޑިވެފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މާލޭ ހިޔާ ފުލެޓްތަކުން ކުނި އުކުމާއި އިމާރާތް ބެލެހެއްޓުން ސިޓީ ކައުންސިލުން ހަވާލުކޮށްފައިވަނީ ވިލެޖު ކޮމްޕެނީއާ އެވެ. ނަމަވެސް އެކުންފުނިން އިމާރާތުގެ އެއްވެސް ކަމެއް އެކަށީގެންވާ ގޮތަކަށް ބަލަހައްޓަމުން ނުދާކަމަށާއި ކުނިވެސް މިހާރު ނުނަގާ ކަމަށް އެއިމާރާތުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ބުނެފައެވެ.