ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ޓައިޓަލް ސްޕޮންސަރ ސޮނީ ސްޕޯޓްސްއާއެކު ސޮއިކޮށްފި

މުޙައްމަދު ޝަމްޢޫން

ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ސޮނީ ހައުސްގައި އެކަމަށް ޓަކައި ބޭއްވި އިވެންޓްގައި މުބާރާތް ހިންގާ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ރިލުވާން މޫސާ އެވެ. ސޮނީ ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެސިސްޓެންޓް މާކޮމް މެނޭޖަރު މަރިޔަމް އަބްދުﷲއެވެ.

"މިއީ ގޯލްޑަން ފުޓްސަލްގެ ހަވަނަ މުބާރާތް. 91 ޓީމު މިއަހަރު ބައިވެރިވެފައިވާ އިރު މުބާރާތް ފުރިހަމަ ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްކަތެއް ކުރަމުން މިދަނީ. އެ މަސައްކަތުގެ ތެރެއިން ސޮނީ ސްޕޯޓްސްއާއެކު ޓައިޓަލް ސްޕޮންސަރަކަށް ސޮއި ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް، އަދި ވަރަށް ބޮޑު އެއްބާރުލުމެއް. އެއްބަސްވުމާއެކު މުބާރާތް ފުރިހަމަކަމާއެކު ނިންމާލަން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން މިދިޔައީ،" ސޮނީ ސްޕޯޓްސްއާއެކު ވެވުނު ޓައިޓަލް އެއްބަސްވުމާއި ގުޅިގެން ރިލުވާން "ވަން" އަށް މިއަދު ވިދާޅުވިއެވެ.

މުބާރާތުގައި މިފަހަރު 177 މެޗު ކުޅެން ހަމަޖެހިފައިވާ އިރު، މިވަގުތު ކުރިއަށްދާ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ރިލުވާން ފާހަގަކުރެއްވީ އެ ހުރިހާ މެޗެއްވެސް ލައިވް ކުރުމުގެ މަސައްކަތެވެ.

ސޮނީ ސްޕޯޓްސްގެ ފަރާތުން މަރިޔަމް ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށާއި، އެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ސޮއި ކުރެވުމަކީ ލިބުނު ފަހުރެއް ކަމަށެވެ.

"ސޮނީ ސްޕޯޓްސް ފަރާތުން ބޭނުންވަނީ ރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭން. އެގޮތުން ރާއްޖޭގައި ބޭއްވޭ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް، ގޯލްޑަން ފުޓްސަލްގެ ސްޕޮންސާޝިޕްގައި ސޮއިކުރެވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް. އުންމީދަކީ ކުރީ އަހަރުތަކަކޭވެސް އެއްގޮތަށް މުބާރާތް ފޯރިގަދަކޮށް ދިއުން،" މަރިޔަމް "ވަން"އަށް މިއަދު ވިދާޅުވިއެވެ.

މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. އެގޮތުން އަތޮޅު ބުރަކަށްފަހު ޒޯން ބުރު ނިންމައި ގަދަ 16 ކުޅެ މުޅި ރާއްޖޭގެ ޗެމްޕިއަނުން ހޮވާނެއެވެ.

މިއަހަރުވެސް މާލެ އަދި ފުވައްމުލަކު ސިޓީ ފިޔަވައި ކޮންމެ ރަށަކުންވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމު މުބާރާތުގައި ބައިވެރިކުރުމަށް ފުރުސަތު ދީފައިވެއެވެ. މާލެ އާއި ފުވައްމުލަކުގެ ކޮންމެ އަވަށަކަށް ޓީމެއް ބައިވެރިކުރުމަށް ވަނީ ފުރުސަތު ދީފައެވެ.

އަތޮޅު ބުރުގެ މެޗުތައް ކުޅުމުގައި ބަލާނީ އެ އަތޮޅަކުން ޓީމުތައް ބައިވެރިވެފައިވާ ނިސްބަތަށެވެ. އަތޮޅު ބުރުގައި ފަސް ޓީމަށްވުރެ މަދުން ބައިވެރިވެފައިވާ އަތޮޅު ތަކުގައި ކުޅޭނީ ލީގު އުސޫލުން ނަމަވެސް، ހަ ޓީމަށްވުރެ ގިނައިން ބައިވެރިވެފައި ވާނަމަ އެ އަތޮޅެއްގެ މެޗުތައް ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ދެ ގުރޫޕުގެ އެއް ވަނަވެސް ޒޯން ބުރަށް ދާއިރު، އަތޮޅު ޗެމްޕިއަން ޓީމު ހޮވަން ކުޅޭނީ ފައިނަލް މެޗެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. މެޗުތައް އޮންނާނީ ހުޅުމާލޭގެ ޓާފް ދަނޑުގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން އެވެ.