ސުޕްރީމް ކޯޓް

ޕްރައިމަރީން ބަލިވިޔަސް މަޖިލީހަށް ވާދަކުރެވޭގޮތް ހެދުމަށް ހުށަހެޅި މައްސަލައިގެން އަޑުއެހުން މާދަމާ ބާއްވަނީ

ޕާޓީގެ ޕްރައިމަރީން ބަލިވެއްޖެ ނަމަ އިންތިޚާބު ތަކުގައި ވާދަ ނުކުރެވޭ ގޮތަށް އޮންނަ އޮތުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެންވޯއީ، އަދު މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު އާއި ހއ. އިހަވަންދޫ، އަންބަރީގޭ އަބްދުލް މާނިއު ހުސެއިން އެވެ.

ޕްރައިމަރީން ބަލިވުމުން އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް އޮންނަ އޮތުން ބާތިލުކުރުމަށް ސ. ހިތަދޫ، ގުލްހަޒާރުގޭ އަހްމަދު މުހައްމަދު ހުށަހަޅާފައި ދުސްތޫރީ މައްސަލައިގެ އަޑުން އެހުން ވެސް އޮތީ ހަމަ އެގަޑީގަ އެވެ. ބެލެވޭ ގޮތުގައި ދެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންދާނީ އެއްް އަޑުއެހުމެއް ގޮތަށެވެ.

މި މައްސަލަ ބައްލަވަން ނިންމަވައިފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ އަރީފް އާއި ފަނޑިޔާރު އަލްއުސްތާޒް އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަލްއުސްތާޒް އަބްދުލް ޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ސުޕްރީމް ކޯޓުގައި އަޑު އެހުން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 10:15އަށެވެ.