ހޮލީވުޑްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރަމުން އައިސްފައިވާ ތަރި ބެޓީ ވައިޓް އުމުރުން 99 އަހަރުގައި މަރުވެއްޖެއެވެ.
1922 ދުނިޔެއަށް އުފަންވި ބެޓީ އަށް މި އަހަރުގެ ޖެނުއަރީ 17 ގައި 100 އަހަރު ފުރޭތީ، ފޭނުންނާއި އާއިލާ އަދި ރައްޓެހިން އައީ އޭނާގެ އުފަންދުވަސް ކުލަގަދަ ފާހަގަކުރުމަށް ތައްޔާރުވަމުންނެވެ.
ބެޓީ މަރުވެފައިވަނީ 31 ޑިސެމްބަރ 2021 ވީ ހުކުރު ދުވަހުގައެވެ. އޭނާ މަރުވިކަން އެނގުނީ ބުރާސްފަތި ދުވަހުގެ ރޭ ނިދިގޮތަށް ހޭނުލެވިގެން ހުކުރުދުވަހުގެ ހެނދުނު 9.30 ވާން ކައިރިވެފައިވަނިކޮށް ބެލުމުން ކަމަށް ހަބަރުތައް ބުނެއެވެ.
ބެޓީ ވައިޓްގެ 80 އަހަރުގެ ދިގު ފިލްމީ ކެރިއަރުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ އެތައް ރޯލުތަކަކުން ބެލުންތެރިންގެ ލޯބި ހޯދައިފައެވެ. 1939ވަނަ އަހަރު އެކްޓިންގެ ދާއިރާއަށް ނުކުތް ބެޓީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވަނީ ''ގޯލްޑަން ގާލްސް'' ސީރީސްގެ ލީޑް ރޯލު ހުށަހަޅައިދީގެންނެވެ. 1985 ވަނަ އަހަރުން ފެށިގެން 1992 އާއި ހަމައަށް ކުރިއަށް ދިޔަ މި ސީރީސްގައި ބެޓީ ވަނީ ރޯސް ނައިލެންޑްގެ ރޯލު ހުށަހަޅައިދީގެން ސަމާލުކަން ހޯދައިފައެވެ.
މިހާތަނަށް 115 ހުށަހެޅުމަކުން ފެނިގެން ގޮސްފައިވާ ބެޓީ ވަނީ ''ދަ ބޯލްޑް އެންޑް ދަ ބިއުޓިފުލް'' ''ލޭޑީސް މޭން'' ''ދެޓް ސެވެންޓީސް ޝޯ'' ''ބޮސްޓަން ލީގަލް'' ''ހޮޓް އިން ކްލީވްލޭންޑް" ފަދަ ކާމިޔާބު އެތައް ޓީވީ ސީރީސް ތަކަކުންނާއި ފިލްމުތަކުން ފެނިގެން ގޮސްފައެވެ.
ބެޓީ ހާސިލުކޮށްފައިވާ އެވޯޑުތަކުގެ ތެރޭގައި އެމީ އެވޯޑްސް، އެމެރިކަން ކޮމެޑީ އެވޯޑްސް، ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސް އަދި 2012ވަނަ އަހަރު ކާމިޔާބު ކުރި ގްރެމީ ހިމެނެއެވެ. އޭގެ އިތުރުންވެސް މިހާތަނަށް ފިލްމީ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކޮށް ބެޓީ އަށް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑުތައްވެސް ލިބިގެން ގޮސްފައެވެ.
އެމެރިކާގެ މަގުބޫލު ޝޯ ސަޓަޑޭ ނައިޓް ލައިވްސް އެސްއެންއެލް ވެސް މީގެ ކުރިން ހޯސްޓުކޮށްދީފައިވާ ބެޓީއަށް ޓްރިބިއުޓް ކުރުމުގެ ގޮތުން އެސްއެންއެލް އިން ވަނީ 2010ވަނަ އަހަރު ބެޓީ ހޮސްޓުކޮށްދިން ޝޯ އަލުން ދައްކަން ނިންމާފައެވެ. ބެޓީ ވަނީ އެސްއެންއެލްގައި ދައްކައިދިން ހުށަހެޅުމަށް އެންމެ މޮޅު ގެސްޓް އެކްޓްރެސްގެ އެމީ އެވޯޑުވެސް ލިބިގެން ގޮސްފައެވެ.