ޕީޕީއެމް

ޕީޕީއެމުން ދޭން ނިންމި ޓިކެޓް މިހާތަނަށްވެސް ނުލިބޭ، ޖަމީލަށް ތާއީދެއް ނުކުރާނަން: ހަލީމު

ޝަހީދާ އަބްދުﷲ ސައީދު

ޕީޕީއެމުން ދޭން ނިންމި ވިލިމާލޭ ދާއިރާގެ ޓިކެޓު މިހާތަނަށް އައި އިރުވެސް ލިބިވަޑައިގެންފައި ނުވާ ކަމަށާއި ޖޭޕީން އެދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ވެސް ތާއީދު ނުކުރައްވާނެ ކަމަށް އެމްޕީއެލްގެ ކުރީގެ ސީއީއޯ އަދި ރައީސް ޔާމީންގެ ކެމްޕޭނުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރައްޒާގު ހަލީމު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހުގެ ވިލިމާލޭ ދާއިރާއަށް ވާދަކުރައްވައި ކެމްޕެއިން ކުރައްވަމުން ގެންދެވި ހަލީމު މިހެން ވިދާޅުވީ ' ވަންއޮންލައިން''އަށް މިއަދު ދެއްވި އިންޓަވިއުއެއްގަ އެވެ.

ހަލީމު ވިދާޅުވީ ޕީޕީއެމުން ބޭއްވި މަޖިލިސް ޕްރައިމަރީގައި ވިލިމާލޭ ދާއިރާއަށް ޕީޕީއެމުން އެއްވެސް ކެންޑިޑޭޓަކު ވާދަ ނުކުރާ ކަމަށާއި އޭނާއަށް ޕާޓީގެ ޓިކެޓް ދޭން ނިންމީ ޕްރައިމަރީއަކާ ނުލައި ކަމަށެވެ. އަދި މަޖިލީހުގެ ކެމްޕެއިން ފަށްޓަވައިގެން ވަގުތު ކުޑަތަންވުމާ ހަމައަށް ދިޔައިރުވެސް ޕާޓީގެ ޓިކެޓް ލިބިވަޑައިނުގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ޕާޓީގެ އިސް ބޭފުޅަކު އޭނާއާ ބައްދަލުކުރައްވައި ވިލިމާލޭ ދާއިރާ ނޫން އެހެން ދާއިރާއަކަށް ވާދަކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި އެހާ ހިސާބުން ވިލިމާލޭ ދާއިރާއަށް ޕާޓީގެ ފަރާތުން ހުޅުވައިލަދިން ''ދޮރު ބަންދުވެއްޖެ'' ކަމަށް އަމިއްލައަށް ގަބޫލުކުރެއްވުނު ކަމަށް ހަލީމް ވިދާޅުވި އެވެ.

''ރައީސް ޔާމީނެއް ނޫން. އެހެން ނަމަވެސް ޕީޕީއެމްގެ ވަރަށް އިސްބޭފުޅަކު ބައްދަލުކުރައްވައި ވިދާޅުވި އެހެން ދާއިރާއަަކަށް ވާދަކުރަންވީ ނޫންހޭ. އެގޮތް އަޅުގަނޑު ބޭނުން ނުވީ. އެހިސާބުން އަޅުގަނޑު އަމިއްލަ ނަފުސަށް ގަބޫލުކުރެވުނީ ވިލިމާލޭ ދާއިރާއަށް ޕީޕީއެމުން ހުޅުވައިލަދިން ދޮރު ބަންދުވެއްޖެކަމަށް.'' ހަލީމު ވިދާޅުވިއެވެ.

ހަލީމު ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމުމުން ދާއިރާގެ ކެމްޕެެއިނަށް ވަރަށް ބޮޑު ހަރަދެއްވެސް ކޮށްފައިވާ ކަމަށެވެ. އަމިއްލަ ގޮތުން ވިލިމާލޭ ދާއިރާއަށް ވާދަކުރައްވަން ބޭނުން ނުވާކަމަށާއި އަދި އެހެން ދާއިރާއަކަށް ވާދަކުރަން ވެސް ބޭނުން ނުވާ ކަމަށް ހަލީމް ވިދާޅުވިއެވެ.