މުނިފޫހިފިލުވުން

ޕެންޑެމިކުގެ ތެރޭގައި 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަށް "ސްޕައިޑާ މޭން"

ކޮވިޑުގެ ސަބަބުން، ދުނިޔެއަށް ކުރިމަތިވި ޕެންޑެމިކުގެ ތެރޭގައި 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަކަށް ''ސްޕައިޑާމޭން: ނޯ ވޭ ހޯމް'' ވެއްޖެއެވެ.

ބައިނަލްއަގުވާމީ ބޮކްސްއޮފީހުތަކުގެ އަދަދުތަކަށް ބަލާއިރު މި ފިލްމު ރިލީސްކުރިތާ އެންމެ 12 ދުވަހުގެ ތެރޭގައި ( މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް) ލިބުނު ޖުމުލަ އާމްދަނީ ވަނީ 1 ބިލިއަން ޑޮލަރު ފަހަނަ އަޅައި ގޮސްފައެވެ. މިއީ ޕެންޑެމިކުގެ ތެރޭގައި ބިލިއަނެއް ހަމަކުރެވުނު ފުރަތަމަ ފިލްމަށް ވާއިރު 2019 ވަނަ އަހަރަށްފަހު މި އަދަދު ހަމަކުރި ފުރަތަމަ ފިލްމަކީ ވެސް މިއީ ކަމަށް ރެކޯޑުތަކުން ދައްކައެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ނެރުނު ''އެވެންޖާސް: އެންޑް ގޭމް'' އަދި އެވެންޖާސް: އިންފިނިޓީ ވޯ'' އިން ވަނީ މި ރެކޯޑު އެންމެ 5 ދުވަހާއި 11 ދުވަހުގެ ތެރޭގައި ހަމަކޮށްފައެވެ. ސްޕައިޑަމޭންގެ ކުރީން، އެންމެ ފަހުން އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނެރުނު ''ސްޓާ ވޯސް: ދަ ރައިސް އޮފް ސްކައިވޯކާ''އެވެ. އެ ފިލްމަށް ފަހު މި ރެކޯޑު މުގުރާލި ފުރަތަމަ ފިލްމަށް ''ސްޕައިޑާމޭން'' މިވަނީ ވެގެން ގޮސްފައެވެ.

ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޯންގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވާން ފަށާފައިވީ ނަމަވެސް، މިފިލްމަށް ލިބެމުން އަންނަ ތަރުހީބަށް ފަނޑުވުމެއް ނާދެއެވެ. ކޮވިޑުގެ ހާލަތު ގޯސްވެފައިވާ އުތުރު އެމެރިކާއިން 467.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފައިވާއިރު ބައިނަލްއަގުވާމީ މާކެޓުތަކުން މިފިލްމަށް އިތުރު 587.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މާވެލް ސްޓޫޑިއޯސް އަދި ސޮނީ ގުޅިގެން އުފައްދާފައިވާ ''ސްޕައިޑާމޭން: ނޯ ވޭ ހޯމް'' ގައި ޕީޓަ ޕާކާ އަދި އެމްޖޭގެ ރޯލުން ޓޮމް ހޮލާންޑް އަދި ޒެންޑާޔާ ފެނިގެންދާއިރު ޑޮކްޓަ ސްޓްރޭންޖްގެ ކެރެކްޓާއިން ބެނެޑިކްޓް ކަމްބަބެޗް ފެނިގެން ދެއެވެ.

އެމެރިކާގެ ބޮކްސް އޮފީހުގެ ޗާޓުގެ އެންމެކުރީން މި ފިލްމު ޖާގަ ހޯދައިފައިވާއިރު ދެވަނައިގައި އޮތީ ''ސިންގް 2'' އެވެ. މެތިއު މެކްއެނޯއީ އަދި ރީސް ވިދަސްޕޫން ފަދަ ފުންނާބު އުސް ހޮލީވުޑް ތަރިން އަޑުއަޅައިދީފައިވާ މި ކާޓޫނު ފިލްމު އެމެރިކާ އަދި ކެނެޑާގެ 3892 ތިއޭޓަރުގައި ރިލީސްކޮށް ޖުމުލަ އާމްދަނީގެ ގޮތުގައި 23.76 މިލިއަން ޑޮލަރު ވަނީ މިހާތަނަށް ހޯދައިފައެވެ.

މީގެ އިތުރުން ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ ކިއެނޫ ރީވްސްގެ ''މެޓްރިކްސް ރިސަރެކްޝަންސް'' އެމެރިކާގެ ތިއޭޓަރުތަކުގައި ބުދަ ދުވަހު ރިލީސްކޮށްފައިވާއިރު އާމްދަނީގެ ގޮތުގައި 22.5 މިލިއަން ޑޮލަރު ވަނީ ހޯދައިފައެވެ. މި ފިލްމު ވަނީ އެޗްބީއޯ ސްޓްރީމިން އެޕްގައިވެސް ޕްރިމިއާ ކޮށްފައެވެ. ''މެޓްރިކްސް'' އާއެކު ބުދަދުވަހު ރިލީސް ވި ''ދަ ކިންގްސް މޭން'' އުޅެނީ 10 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު ހަތަރު ވަނައިގައެވެ.