ކުޅިވަރު

ގޯޅިއަށް އުންމީދު، އަމިގޯސްއަށް ފުރުސަތު ހަނިވެއްޖެ

ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗުގައި އަމިގޯސް ސްޕޯޓްސް ކްލަބު ބަލިކޮށް، ގޯޅި ސްޕޯޓްސް ކްލަބުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މެޗު ގޯޅިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ގޯޅިއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް ވަނީ އަނެއްކާވެސް އުންމީދު ލިބިފައެވެ. އަނެއްކޮޅުން މެޗުން ބަލިވި އަމިގޯސްއަށް ވަނީ ސެމީ ފައިނަލު އުނދަގޫ ވެފައެވެ.

އަމިގޯސްއިން ފުރަތަމަ މާބައިދޫ ކައުންސިލާ ދެކޮޅަށް ކުޅުނު މެޗުން 3-1 އިން ބަލިވެފައި އޮތް އިރު، އެޓީމަށް ގްރޫޕް ސްޓޭޖުގައި އަދި ދެމެޗު އޮންނާނެއެވެ. ސެމީއަށް ދާން އަމިއްލަ ބާރު ދެމެހެއްޓުމަށް އެ ދެމެޗު ކާމިޔާބުކުރަންވެސް އަމިގޯސްއަށް މަޖުބޫރުވާނެއެވެ. ފައިދާ ގޯލުން ކުރި ހޯދުންވެސް އެއީ މުހިއްމު ކަމަކަށް ވާނެއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ހާފުގެ ފަހު ކޮޅަށް ގޮސް ގޯޅިން ވަނީ މެޗަށް ވަދެ ކުޅުން ރަނގަޅު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ގޯޅިން ވަނީ ހާފު ނިމުމުގެ ކުރިން ލީޑު ނަގައިފައެވެ. އެޓީމަށް ފުރަތަމަ ގޯލު ޖަހައިދިނީ ހުސައިން ފައިސަލް (ކޮއްތު) އެވެ. އޭރިއާ ކަނާއި ދިމާލުން ކޮއްތު ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.

ދެވަނަ ހާފަށް ނުކުމެ ގޯޅިން ލީޑު ފުޅާކުރިއެވެ. ކޮއްތުއަށް އަމިގޯސްގެ ޑިފެންޑަރު ކުރި ފައުލަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އަހުމަދު ރަޝީދެވެ. ގޯޅީގެ ތިންވަނަ ގޯލު މެޗު ނިމެން ދަނިކޮށް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް އިސްމާއީލް ރަޝީދެވެ.

މުބާރާތުގައި މިއަދު އޮންނާނީ ގްރޫޕް އޭގެ މެޗެކެވެ. އެ މެޗުގައި ކުނަހަންދޫން ނުކުންނާނީ ދަނބިދޫ ކައުންސިލާ ދެކޮޅަށެވެ.