ހުތުބާ

ސިއްހަތާއި ދުޅަހެޔޮކަމަކީ އިންސާނާގެ ހަޔާތުގެ ހީވާގި ކަމުގެ ފީތާ: ހުތުބާ

ސިއްހަތާއި ދުޅަހެޔޮކަމަކީ އިންސާނާގެ ހަޔާތުގެ ހީވާގި ކަމުގެ ފީތާ ކަމަށާއި އެހެންކަމުން އިސްލާމްދީނުގައި އާއްމު ސިއްހަތަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީފައިވާ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ސިއްހަތާއި ދުޅަހެޔޮކަމަކީ ހަޔާތުގެ މައިކަށި ކަމަށާއި ގައުމުތައް ތަރައްގީވެ ކުރިއަރާފައިވަނީ އެ ގައުމުތަކުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި މަސައްކަތްތެރިކަމުން ކަމަށެވެ.

"ސިއްހަތާއި ދުޅަހެޔޮކަމަކީ އިންސާނާގެ ހަޔާތުގެ ހީވާގި ކަމުގެ ފީތާއެވެ. އެއީ އޭނާގެ ގައިބާރުގެ ހަކަތައެވެ. އާއްމު ސިއްހަތާ ބެހޭ އަސާސަކީ ސާފުތާހިރުކެވެ. ސިއްހަތާއި ގައުމުތައް ތަރައްގީވެ ކުރިއަރާފައިވަނީ އެ ގައުމުތަކުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި މަސައްކަތްތެރިކަމުންނެވެ. ގައިބާރާއި އަޒުމު ވަރުގަދަކަމުންނެވެ. ކިޔަމަންތެރިކަމާއި ވަފާތެރި ކަމުންނެވެ. ދުނިޔޭގެ އަރާމާއި ފާގަތިކަމުގެ ރަހައާއި މީރުކަން، ބަލިމަޑުކަމާއި ނުރައްކާތެރި ވަބާތަކުގެ ހިޔާވަހިކަމުގެ ތެރެއަކުން ނުލިބޭނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އިސްލާމްދީނުގެ މުހިންމު ރުކުންތަކުގެ ތަރަހަކަމުގައި ލައްވާފައިވަނީ ޠަހާރަތު ކަމަށާއި ޠަހާރަތެއް ނެތި ނަމާދެއް ނުކުރެވޭނެ ކަމަށެވެ. އަދި ޠަހާރަތެއް ނެތި ކީރިތި ގުރުއާނުގައި ނުބީހެވޭނެ ކަމަށާއި ޠަހާރަތެއް ނެތި ޠަވާފެއް ވެސް ނުކުރެވޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"އާއްމު ސިއްހަތު ރައްކާތެރި ކުރެއްވުމަށްޓަކައި މާތްﷲ ވަނީ އުސޫލުތަކެއް ކަނޑައަޅުއްވައިފައެވެ. އިންސާނާއަށް ގެއްލުން ލިބޭ އެއްޗެހި ކެއުމާއި ބުއިން ވަނީ ހަރާމް ކުރައްވައިފައެވެ. އެމީހުން ދިރިއުޅޭ ތަންތަން ސާފުކޮށް ބޭއްވުމަށް ވަނީ އަންގަވައިފައެވެ. ފާހިޝް އަމަލުތަކަށް އަރައިނުގަތުމަށް ވަނީ އަމުރުކުރައްވައިފައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ވަނީ ސާފުތާހިރުވެ، ބަލިތަކުން ރައްކާތެރިވުމަށް އިސްކަމެއް ދިނުމަށް ވެސް ގޮވާލައިފައެވެ.