ލ. މާބައިދޫން: އަލީ އަފާފް ރަމީޒް - ވަން އޮންލައިން
ލ. މާބައިދޫ ހަސަން ހުސެއިން، 2004 ޑިސެމްބަރު 26 ވަނަ ދުވަހުގެ، ހެނދުނު އެރަށާ ގުޅިފައި އޮންނަ ކެރެންޑުއަށް ދިޔައީ ގޭގެ މަސައްކަތަކަށް ދަނޑިތަކެއް ކަނޑާށެވެ. ބޭނުންވާ ސާމާނު ހިފައިގެން ރަށުގެ ވަކި ހިސާބަކަށް ދިޔަ ތަނުން އޭނާގެ އެންމެ ހަގު ދެ ދަރީންނާއި އޭނާގެ އަންހެނުންގެ ކޮއްކޮގެ އެންމެ ހަގަށް ހުރި ފިރިހެން ދަރިފުޅުވެސް، އޭނާއާ އެކު ކެރެންޑުއަށް ގެންދިއުމަށް އާދޭސްކުރުމުން، އޭނާ ދިޔައީ އެ ތިން ކުދީންވެސް ގޮވައިގެންނެވެ.
އެކުދީންނާއެކު ކެރެންޑުއަށް ދެވުނުތަނާ، ވަކި ހިސާބަކުން އަޑުތަކެއް އިވެން ފެށިއެވެ. ނަމަވެސް ހަސަނަށް އެއިރު އެއީ ކީއްވެގެން އިވެމުންދިޔަ އަޑުތަކެއް ކަން ސާފު ނުވުމުން ކުދިންނާއެކު އަނެއްކާވެސް ކެރެންޑޫގެ އަތިރިމައްޗާ ވީ ފަރާތަށް ދިއުމަށް ހިނގައިގަތެވެ. އެރަށުގެ އެންމެ ހަނި ފަރާތުން، ކޯރު ފަރާތަށް ދިޔަ ތަނުން ބިޔަ ރާޅެއް ރަށުތެރެއަށް އަރައިގެން ދިޔައެވެ.
"އެއިރު ދިޔަވަރު ހިކިފަ އޮތީ. އެ ލޮނުގަނޑު އަރައިގެން ދިޔައީ ރަށުތެރެއަށް. އެވަގުތު އަޅުގަނޑުގެ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު އަޅުގަނޑުގެ ކައިރީގައި ތިބީ. އެވަގުތު އިތުރު ދެކުދީންވެސް ކައިރީގައި ތިބި. އެއީ އަހަރެންގެ އަންހެނުންގެ ކޮއްކޮގެ ދަރިއަކާއި އިތުރު ކުއްޖެއް. އެ ދެކުދިން ދުއްވައި ގަތީ އެއްގަމަށް. އަހަރެންގެ ދެ ދަރިން ރަށާ ދުރަށް ގޮނޑުދޮށަށް ދުއްވައިގަތީ،" ސުނާމީގެ ހަނދާންތައް "ވަން" އާ ހިއްސާ ކުރަމުން ހަސަން ބުންޏެވެ.
އޭނާ ބުނިގޮތުގައި އަރައިގެން ދިޔަ ރާޅު ރަށުތެރެއިން ފައިބައިގެން ދިޔައީ ވަރަށްވެސް ބާރަށެވެ. އެހެންވެ ވަގުތުން އޭނާގެ ދެކުދީން އުރާލައި ކޮނޑުމައްޗަށް ލިއެވެ. އޭގެ ފަހުން ވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އެވަގުތު ހަނދާން ހުރީ ދެ ކުދީން ކިހިލީގައި ޖަހާފައި ކޮނޑުމައްޗަށް އުފުލައިލި ހަނދާން އެކަންޏެވެ.
"ދެން ވެއްޓުނީ ގޮންޑޮޅި މައްޗަށް، އެވަގުތު ރާޅާއެކު ރަށުތެރެއިން އައި މަގޫގަހެއްގައި ހިފަހައްޓައިގެން ދެ ކުދީން ކޮނޑުމައްޗަށް ލައިގެން ހުރީ. ހުއްޓައި ރަށުން ފައިބައިގެން އައި ލޮނުގަނޑު އަނެއްކާވެސް ދަމައިގަތީ މޫދަށް، އަޅުގަނޑުމެން ފައިބައިގެން ދިޔައީ މެދުފަޅު މައްޗަށް،" ހަސަން ކިޔައިދިނެވެ.
މެދުފަޅުމަތީގައި ތިއްބައި ރާޅާއެކު ތިންބެއިން ދަމައިގަތީ އޮޅުގަނޑު ތެރެއަށެވެ. އެއިރު އެތަނުގައި ވަރަށް ބޮޑު އޮއިގަނޑެއްވެސް ވަނީ އުފެދިފައެވެ. އުމުރުން 10 އަހަރުން ފެށިގެން މަހަށްދިޔަ ހަސަން ބުނި ގޮތުގައި އެއީ އޭނާގެ ހަޔާތުގައިވެސް ދުށް އެންމެ ބާރުގަދަ އޮއިގަނޑެވެ.
ހަސަން ބުނިގޮތުގައި ތިންބެއިން އެންމެ ފަހުން ދަމައިގަތީ އޮއިގަނޑު ތެރެއަށެވެ. ބާރުގަދަ އޮއިގަނޑެއްގެ ސަބަބުން ވީނުވީއެއް ނޭނގުނެވެ. ކޮނޑުމަތީގައި އޮތް އޭނާގެ ދެ ދަރީން ދޫވީ ކޮންއިރަކު، ކޮން ދިމާލަކަށް ކަމެއްވެސް އޭނާއަށް ނޭނގުނެވެ. އޮއިގަނޑު އެހާވެސް ބާރު ގަދަ ކަމަށް އޭނާ ބުނެއެވެ.
"ދެން އެހިސާބުން އޮއިގަނޑު ތެރެއިން އަޅުގަނޑުގެ ކޮނޑުމަތީގައި އޮތް ދެ ކުދީން ދަމައިގަނެއްޖެ. ދެން އަހަންނަކަށް ނޭނގެ ދެކުދީން ވީތަނެއް. އަހަރެން އޮތީ އެތެރެވެށި ތެރޭގައި އޮއިގަނޑު ތެރޭގައި،" ހަސަން ބުންޏެވެ.
އޮއިގަނޑުން ސަލާމަތް ނުވެވި އެތައް އިރަކު އޭނާ އޮންނަން ޖެހުނެވެ. ހަސަން ބުނީ ގާތްގަނޑަކަށް ތިން ގަޑިއެއް ހާއިރު ވަންދެން އެއްވެސް އެހީއަކާ ނުލައި، އޮއިގަނޑު ތެރޭގައި އޮތް ކަމަށެވެ. ސަލާމަތް ވެވޭނެ ކަމުގެ އެއްވެސް އުންމީދެއް އެއިރު ނެތެވެ.
"އެހެން އޮއްވައި ރުކެއްގެ ދެ މުޅަގަނޑު އޮޔާދަނިކޮށް ފެނުނީ. ދެން އެއަށް އަރާ އޮތީ. އޮއިން ކަނޑަން ވެގެން އަހަރެއް ޖެހީ އުތުރަށް. އެހެން އޮއްވައި މިރަށު (މާމެންދޫ) ނެރުން ނުކުތް ދޯންޏެއް. އެއަށް މައުލޫމާތު ދީފަވަނީ ރަށުން ބަޔަކު ގެއްލިގެން އުޅޭ ކަމަށް. އެމީހުން ދަނބިދޫއާ ދިމާލަށް ދިޔަ ވަގުތު އެއް މުޅަގަނޑު ފައިދޮށަށް ލާފައި، އަނެއް މުޅަގަނޑު މައްޗަށް ނަގައިގެން ހޫރުވަން ފެށުމުން އެމީހުންނަށް ފެނިއްޖެ،" ހަސަން ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ ދޯންޏަށް އޭނާ ނެގުމާއެކު ހޭނެތިގެން ވެއްޓުނީއެވެ. ހޭވެރިކަން ވީ އިރުގަނޑެއް ފަހުންނެވެ. އެއިރު ލައިގެން ހުރި ޖަނގިޔާ ފިޔަވައި އިތުރު އެއްޗެއް އޭނާގެ ހަށިގަނޑުގައި ނެތެވެ. ދެން އެރަށު ނެރުން ނުކުތް އެރަށު ދޯންޏަކަށް އޭނާ ލާފައި ރަށަށް ގެންދިޔައެވެ، ރަށަށް އެރިއިރު މުޅި ރަށްވެސް ވަނީ ދޮވެލައިފައެވެ. ގެއަށް ދިޔައިރު މުޅި ގެވެސް ވަނީ އެއްކޮށް ސުންނާފަތި ވެފައެވެ. ދެ ދަރީން ގެއްލި ވަންނާނެ ތަނެއް ނެތި މީހާ ބިކަވީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
ރަށަށް ދެވުމަށްފަހު ދެން ހަސަންގެ މަސައްކަތަށްވީ ގެއްލުނު އޭނާގެ އެންމެ ހަގު ދެ ކުދީން ހޯދުމެވެ. އެއިރުވެސް އެކުދީން ހޯދުމުގެ މަސައްކަތް ރަށުގެ އެތައް ބަޔަކާއި ސަލާމަތީ ބާރުތަކުން ދިޔައީ ކުރަމުންނެވެ. އެކުދީން ދިރިތިއްބައި ފެންނާނެ ކަމުގެ އުންމީދުގައި ތިން ރެ އާއި ތިން ދުވާ ވަންދެން މަސައްކަތް ކުރިއެވެ. ނަމަވެސް އެކުދީންނެއް ނުފެނުނެވެ.
ސުނާމީގައި ގެދޮރު ފުނޑުވެ ދަރީންކޮޅު ގެއްލި ބިކަވެފައި ހުއްޓައި ދެން ލިބުނީ މާ ހިތާމަވެރި ހަބަރެކެވެ. އެއީ އޭނާގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު ފެނުނު ކަމުގެ ހަބަރެވެ. ހަސަން ބުނިގޮތުގައި ކުއްޖާ އޮތީ އެއްކޮށް ފޯވެ ފުފިފައެވެ. ވަކި ކުރަން ނޭނގޭ ވަރުވެ، ކުނިވެފައެވެ. އެ ހަބަރު އިވުމުން ހިތް ފަޅައިގެން ދިޔަ ކަމަށެވެ. އެންމެ ހަތް އަހަރުގެ ފިރިހެން ދަރިފުޅުގެ މަރުގެ ހަބަރުވީ އޭނާއަށް ކެތް ކުރެވޭ ވަރުގެ ހަބަރަކަށް ނޫނެވެ.
"ނަކަތްގައި ލައްވައިގެން ހަތް ވަނަ އަށް ވީދުވަހު މާވަށު ކައިރިން ބެރެހިފަރު ތެރެއިން އެކުއްޖާ ނަގައިގެން ގެންދިޔައި ގަމަށް. ކުއްޖާ ފެނުނީ މާލެއިން އައި ދަނބިދޫ ދޯނީގެ ބަޔަކަށް. އެ ދޯނީގެ މީހުން ގުޅާފައި ބުނުމުން، ރަށުގައި އެއިރު އޮތް އަތޮޅު ލޯންޗުން ގޮސް އެކުއްޖާ ނެގީ. ބެޑްޝީޓަކަށް ލައިގެން ނެގީ. ކުއްޖާ ފެނުނު އިރު އޮތީ ފޯވެފައި ވަކި ކުރަންވެސް ނޭނގޭ ވަރަށް، ކުއްޖާ ވަކި ކުރަން ގެންދިޔައީ އަޅުގަނޑުމެން ލ. ގަމަށް. ދެން އެކުއްޖާ ބަލާފައި މަބުނިން ތިޔައީ އަހަރެންގެ ދަރިފުޅޭ،" އެވަގުތުގެ ހަނދާންތައް އާކުރަމުން އަސަރާއެކު ހަސަން ކިޔައިދިނެވެ.
ހަސަން ބުނިގޮތުގައި ފިރިހެން ދަރިފުޅުގެ މަރުގެ ހަބަރުން އަރައިނުގަނެވި އުޅެނިކޮށް އޭގެ ތިން ދުވަސް ފަހުން ލިބުނު ހަބަރުން އަނެއްކާވެސް ރޮއްވައިލި ކަމަށެވެ. އުމުރުން އެންމެ 10 އަހަރުގެ އަންހެން ދަރިފުޅު ފެނުނު ހަބަރެވެ. އެކުއްޖާގެވެސް ފެނުނީ ފުރާނަ ނެތް މަސްގަނޑެވެ.
"އަންހެން ކުއްޖާ ފެނުނީ ބޮޑުފިނޮޅު ކައިރިން މާފަޅު ތެރެއިން. ފޯވެފަ އޮތީ. ލައިގެން ހުރި ހެދުންވެސް ފަޅައިގެން ގޮސް ހުރީ. ހަ ދުވަސް ފަހުން ފެނުނީ. މާވަށަށް ދިޔަ މީހަކަށް ފެނުނީ، އޭނާއަށް ކުއްޖާގެ ސިފަ އާއި ކުއްޖާ ލައިގެން ހުރި އެއްޗިއްސާއި އަޅާފައި ހުރި ގަހަނާތައް ކިޔައިދިނިން. އެކުއްޖާ ގެއްލުނުއިރު، ކަރުގައި ރަން ފަށެއް އޮންނާނެ. ދެކަންފަތުގައި ދެ ބޮޅު އޮންނާނެ ދެ އަތުގައި އުޅާގަނޑު އޮންނާނެ. އެސޮރު ބުނީ އާންއެކޭ އެކުއްޖާއޭ އެއީ،" އިއްޔެވީ ކަމެއް ފަދައިން އެކަންތައްތައް ސިފަވާ ކަމަށް ބުނެ ހަސަން ކިޔައިދިނެވެ.
ހަސަން ބުނި ގޮތުގައި އެ ދެ ކުދީންނަކީވެސް ވަރަށް ބަސްއަހައި ވަރަށް ރަނގަޅަށް އުޅެމުން އައި ދެކުދިން ކަމަށެވެ. އަދި އެންމެ ހަގަށް ހުރި ފިރިހެން ކުއްޖާ 2005 ވަނަ އަހަރު ސްކޫލަށް ވެއްދުމަށް ދިޔައީ ތައްޔާރު ވަމުންނެވެ. ކުއްޖާގެ ޔުނީފޯމާއި ހުރިހާ ސާމާނެއްވެސް ހުރީ ތައްޔާރަށެވެ. ފިރިހެން ކުއްޖާ ހުރީ ސްކޫލަށް ދިއުމަށް ކެތް މަދުވެފައި ކަމަށްވެސް ހަސަން ބުންޏެވެ.
ސުނާމީއަށް މިއަދު 17 އަހަރު ވެގެންދިޔަ އިރު، އެ ދުވަހުގެ ފަހުން އޭނާ މަހަށްވެސް ދިއުން ވަނީ ހުއްޓާލައިފައެވެ. އެ ދެކުދީން ގެއްލުނު ކެރެންޑުއަށް ހަސަން އެންމެ ފަހުން ދިޔައީވެސް ސުނާމީ އެރި ދުވަހެވެ. އެރަށާ ގުޅިފައި އޮންނަ ކެރެންޑުއަށް 17 އަހަރުވީ އިރުވެސް ހަސަން ފަހަކުން ނުދެއެވެ. އޭނާ ބުނިގޮތުގައި ކެރެންޑުއަށް އަރައިފި ނަމަ އޭނާއަކަށް ނުނިދޭނެއެވެ. އެކުދީންގެ ހިޔާލުތަކުގައި މުޅި ދުވަހު އުޅެން ޖެހޭނެއެވެ. އެ ހަނދާންތައް އާވުމުން މިހާރުވެސް "ފާޑަކަށް" މޭ ތުރުތުރު އަޅާފައި "ގޮތްގޮތް" ވެއެވެ. ބިރުން އެރަށަށް ދާންވެސް ނުކެރެނީ އެވެ. އޭނާ ބުނިގޮތުގައި އެވާހަކަ ދެއްކިޔަސް އޭނާގެ ގައިން މިހާރުވެސް ހީބިހި ނަގައިގެންދެއެވެ.