ޚިޔާނާތް

އެސްއޯފް މެދުވެރިކޮށް ފޮނުވި ފައިސާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ބައިކުޅަ ބައެއް: ނިޔާޒް

އެސްއޯފްގެ އެކައުންޓުތަކުން އެކި ފަރާތްތަކަށް ފޮނުވި ފައިސާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ބައިކުޅަ ބައެއް ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނިޔާޒުގެ ފޭސްބުކް ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ އިއްޔެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭގޮތުން ނެރުނު ރިޕޯޓާ ގުޅިގެންނެވެ.

ނިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ އިތުރުން އެތައް މިލިއަން ޑޮލަރެއް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަމިއްލަ އެކައުންޓުތަކަށާއި އޭނާގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ވަދެފައިވާ ކަމަށެވެ.

"އޭސީސީގެ ރިޕޯޓުން ހާމަކޮށްފައިވާ، އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކަށް ޗެނަލް ކުރި ފައިސާއަކީ އެމްއެމްޕީއަރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ބައިކުޅަ ބައެއް. އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ އިތުރުން އެތައް މިލިއަން ޑޮލަރެއް އަދީބުގެ އަމިއްލަ އެކައުންޓުތަކަށާއި އޭނާގެ މަސްލަހަތު އޮތް ކުންފުނިތަކަށް ވަދެފައިވޭ،" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ އޭގެ ތެރެއިން ބައެއް ފައިސާ ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިފައިވާ ކަމަށާއި އެގޮތަށް ފައިސާ ލިބުނު ފަރާތްތައް އަދިވެސް ދައުލަތުގެ މަގާމުތަކުގައި ތިބި އިރު އަދީބު އަތުން ފައިސާ ލިބުނު މަޖިލިސް މެމްބަރުން މިއަހަރު އޮންނަ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކަމަށެވެ.

"އެސްއޯއެފް މެދުވެރިކޮށް ފައިސާ ލިބުނު ފަރާތްތަކުގެ އިތުރުން އަދީބު އަތުން ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ މައުލޫމާތު (އޭސީސީގެ ރިޕޯޓުގައި ހާމަކޮށްފައިނުވާ) އޭސީސީއަށް ހިއްސާ ކުރެވިފައިވާނެ. އެ ފަރާތްތަކުގެ ނަންތައް އޭސީސީން ހާމަނުކުރީ ކީއްވެ ކަމެއް ނޭނގޭ،" އޭނާ ވިދާޅުވިއެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ އޭސީސީގެ ބައެއް މެމްބަރުންނާއި އާއިލީ ގުޅުން އޮތް ފަރާތްތައް ވެސް މީގެ ތެރޭގައި ހިމެނޭކަން ޔަގީންވާ ކަމަށެވެ.