މަގްބޫލު މޭކަޕް ގުރޫ ކަމުގައިވާ ކައިލީ ޖެނާ، އަތްދަބަހަށް ހާއްސަކޮށްގެން ހަދާފައިވާ ކްލޯސެޓް މިވަނީ ލެޖެންޑަރީ ސްޓޭޓަސް އަކަށް އައިސްފައެވެ.
އެއް މިލިއަން ޑޮލަރުގެ އަގުހުރި އެ ކްލޯސެޓްގައި ޑިޒައިނަރު އަތްދަބަސްތައް 400 އަށް އަރާކަމަށް އިންޓީރިއާ ޑިޒައިނަރު މާޓިން ލޯރެންސް ވަނީ ބުނެފައެވެ. މާޓިން ބުނި ގޮތުގައި ކައިލީގެ އެ ކްލޯސެޓް ހުންނަނީ ހިޑިން ހިލްސް މެންޝަންގައެވެ.
އުމުރުން 21 އަހަރުގެ ކައިލީ ވަނީ މިދިޔަ އޯގަސްޓް މަހުވެސް ފޭނުންނުންނަށް އޭނާގެ އަތްދަބަސް ކްލޯސެޓް ދައްކާލުމަށް ޔޫޓިއުބް ވީޑިއޯއެއް ހިއްސާކޮށްފައެވެ.
ޕީޕަލް މެގަޒިންއަށް ދިން އިންޓަވިއުގައި މާޓިން ބުނި ގޮތުގައި 400 ދަބަހުގެ ތެރޭގައި އެންމެ ގިނަ ވާނީ "ހޭމެސް"، "ބާކިން"، "ލުއި ވިޓޯން" އަދި "ޝެނާލް" "ޑިއޯ" އާއި "ފެންޑީ"ގެ ދަބަސްތަކެވެ.
އޭގެ ތެރޭގައިވެސް ގިނައީ ކަލެކްޓާސް އައިޓެމްސް ކަމަށް މާޓިން ބުންޏެވެ. ބައެއް ދަބަސް ގަނެފައިވަނީ ކޮންމެހެން ބޭނުން ކުރަން ނޫން ކަމަށާއި އިންވެސްޓްމަންޓެއްގެ ގޮތުގައި ކަމަށްވެސް މާޓިން ބުންޏެވެ.
މާޓިން އިތުރަށް ބުނި ގޮތުގައި ކައިލީގެ ގޭގައި ކޮންމެ ދުވަހަކު ލާ ހެދުންތަކަށް ހާއްސަ ކްލޯސެޓަކާއި ކަސްރަތު ކުރާ ހެދުމަށް ހާއްސަ ކްލޯސެޓަކާއި ވީއައިޕީ ސްޓޯރޭޖް ކޮޓަރިއަކާއި އަތްދަބަސް ކްލޯސެޓާއި ހާއްސަ ކަސްޓަމްމޭޑް ފިޓީން ރޫމެއްވެސް ހުންނަ ކަމަށެވެ.
އޯގަސްޓް މަހު ކައިލީ ހިއްސާ ކުރި ވީޑިއޯގައި ބުނެފައިވަނީ އޭނާގެ އެއް އަހަރުގެ އަންހެން ދަރިއަށް ވެސް ބައެއް ދަބަސްތައް ވަނީ ގަނެ އެ ކްލޯސެޓްގައި ރައްކާކޮށްފައެވެ. އޭގެ ތެރޭގައި 7700 ޑޮލަރަށް ދޭ ހޭމީސް ފިޔާތޮށި ކުލައިގެ ދަބަހެއްވެސް ހިމެނޭ ކަމަށެވެ.
ކައިލީ އަތުގައި ހޭމީސްގެ ލެދާ ހަތަރު ދަބަސް ހުރި އިރު އޭގެ އަގު 11000 ޑޮލަރު ކޮންމެ ދަބަހެއް އަރައެވެ. އަދި ކައިލީ އަތުގައި ހުރި ބާކިންގެ އޮރެންޖެ ކުލައިގެ ދަބަހަކީ 20000 ޑޮލަރުގެ ދަބަހެކެވެ.
ކައިލީގެ ކޮސްމެޓިކްސް ވިޔަފާރިން އޭނާ މިހާރު ދަނީ ދުނިޔޭގެ އެންމެ ޒުވާން ބިލިޔަނަރުކަމުގެ ޝަރަފު ލިބުމާ ގާތަށެވެ.