އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބަލައި، ލަސްނުކޮށް އަވަހަށް ޝަރީއަތަށް ފޮނުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ރައީސް އެކަމަށް އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕޭން ހަރަކާތެއްގައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް މި ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެ މައްސަލަތައް ޝަރީއަތަށް ނުފޮނުވި ލަސްތަކެއް ވަންޏާ އަނެއްކާވެސް މިގައުމު ބޮޑު މައްސަލައެއްގެ ތެރެއަށް ވެއްޓިދާނެ ކަމަށެވެ.
"އަޅުގަނޑު އޭސީސީއަށް މިރޭ ދަންނަވާލަން ބޭނުންވަނީ ލަސް ނުކުރައްވައި އޭގައި ހުރި މައްސަލަތައް ބައްލަވައި، ޝަރީއަތަށް ފޮނުވަންޖެހޭ މައްސަލަތައް އަވަހަށް ޝަރީއަތަށް ފޮނުވައިދެއްވާށޭ. އެހެން ނޫނީ އަނެއްކާވެސް ބޮޑު މައްސަލައެއްގެ ތެރެއަށް މިގައުމު ވެއްޓިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު އޮތީ ކޮރަޕްޝަން ހުއްޓުވުމަށް ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށް ކަމަށާއި މި ސަރުކާރުން ކޮރަޕްޝަނަށް އެންމެ ފުރުސަތެއް ވެސް ނުދޭނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެސްއޯއެފްގެ އެކައުންޓުން ދޫކުރި ފައިސާގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސް ސޯލިހު މިއަދު ވަނީ އަންގަވައިފައެވެ.
އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ އިރު، އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވެއެވެ.