ޚިޔާނާތް

އެސްއޯއެފުން ފައިސާ ޖަމާކުރި މީހުންގެ ތެރޭގައި އޮއްޕޮ

މަރިޔަމް ޝަހުދާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ނިންމައި އެންޓި ކޮރަޕްޝަން ކޮމިޝަނުން، މިއަދު ނެރުނު ރިޕޯޓްގައި އެސްއޯއެފުން ފައިސާ ޖަމާކުރި މީހުންގެ ތެރޭގައި ރާއްޖޭގެ ގައުމީ ޓީމަށް އެތައް ޝަރަފެއް ހޯދައިދިނުމުގައި އެހީވި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހީމް ފަޒީލް (އޮއްޕޮ) ހިމެނިފައިވާކަން ހާމަވެއްޖެ އެވެ.

މިިގޮތުން އޮއްޕޮގެ އަމިއްލަ އެކައުންޓަށް އެސްއޯއެފުން 49،000 ޑޮލަރު ޖަމާކޮށްފައިވާ އިރު، އޮއްޕޮގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ޔުނިކް ހޯމްސް ޕްރައިވެޓް ލިމިޓެޑަށް ވަނީ 265،117 ޑޮލަރު ޖަމާކޮށްފައެވެ.

ޔުނިކް ހޯމްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކުރި ފައިސާއިން އެ ކުންފުނީގެ ބޭނުމަށް ރާއްޖެއިން ބޭރުން ހެދި ޕޭމަންޓް ތަކަކަށް ދައްކާފައިވާ އިރު އޮއްޕޮގެ އެކައުންޓަށް ޖަމާކުރި ފައިސާ ވަނީ ތިން ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައެވެ. އެއީ އައްލާމް ލަތީފް، ނޫރާ ލަތީފް އަދި އަލީ މުޖާހުގެ އެކައުންޓަށެވެ. މީގެ އިތުރުން އޭގެ ތެރެއިން ބައެއް ފައިސާ ކޭޝް ވިތްޑްރޯވަލް ގޮތުގައި ނަގާފައިވާ ކަމަށް އޭސީސީގެ މި ރިޕޯޓުގައި ވެއެވެ.

އޮއްޕޮގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޔޫތު މިނިސްޓަރ މަހުލޫފާއި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާމަނިކުގެ އިތުރުން ވެސް އެކި މަޖިލިސް މެމްބަރުންނާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކަށް އެސްއޯއެފްގެ ފަރާތުން ވަނީ ފައިސާ ޖަމާކޮށްފައެވެ.