ރާއްޖޭގެ ބިލިއާޑުގެ ތާރީހުގައި ބޭއްވި އެންމެ ބޮޑު ބިލިއާޑް މުބާރާތް, ގައުމީ ބިލިއާޑް މުބާރާތް ނިންމާލައިފިއެވެ.
ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ބޭއްވި ގައުމީ ބިލިއާޑް މުބާރާތް ރޭ ނިމިގެން ގޮސްފައިވަނީ އެ މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލް މެޗަށްފަހުއެވެ.
ރޭ ކުޅުނު އެ މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލުގައި ވާދަކުރީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ. އެ މެޗުގައި ކުޅުނު ފަސް ގޭމުގެ ތެރެއިން ތިން ގޭމުން މޮޅުވުމާއެކު އެ މެޗުން އީގަލްސް ވަނީ މޮޅުވެފައެވެ.
އެ މެޗަށްފަހު އިނާމު ދިނުމުގެ ރަސްމިއްޔާތު ވަނީ ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021" ގައި ޓީމު އިވެންޓުގެ އިތުރުން ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި މިކްސް ޑަބަލްސް އަދި ޑަބަލްސް އިވެންޓު ވެސް ވަނީ ކުރިއަށްގޮސްފައެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ޓްރޮފީއާއި ފައިސާގެ އިނާމު ހަވާލުކޮށްފައެވެ. އެ މުބާރާތުގައި ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ފައިސާގެ ބޮޑެތި އިނާމުތަކެއް ދީފައެވެ. އޭގެ އިތުރުން އީގަލްސްއަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ދީފައެވެ.
އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް ހޯދި އިރު, ފިރިހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އައްބާސް ސައީދެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ދީނާ އަހުމަދެވެ. މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން އަލީ ފަޔާޒާއި ދީނާ ހޯދި އިރު, ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒާއި އަލީ ޝާވިންއެވެ.