ޚިޔާނާތް

އެސްއޯއެފް އިން ލިބުން ހައްގު ނޫން ފައިސާއެއް ނުހުންނާނެ: ރިޔާޒް

މަރިޔަމް ޝަހުދާ

1

އެސްއޯއެފް އިން ލިބުން ހައްގު ނޫން ފައިސާއެއް ނުހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޭސީސީން މިއަދު އާންމުކުރި ރިޕޯޓުގައި އެސްއޯއެފްގެ އެކައުންޓުން 424،255 ޑޮލަރު ރިޔާޒްގެ އެކައުންޓަށް ޖަމާކުރިކަން ވަނީ ހާމަވެފައެވެ. މިކަމާ ގުޅޭގޮތުން ރިޔާޒްގެ ފަރާތުން މިއަދު އާންމު ކުރި ބަޔާނެއްގައި ވަނީ ރިޔާޒްއަށް އަދި އޭނާއަށް ނިސްބަތް ކުރެވޭ މީހެއް ނުވަތަ ކުންފުންޏަކަށް ލިބުން ހައްގު ނޫން ފައިސާއެއް ނޫނީ ލިބިފައި ނުވާކަމަށް ވިދާޅުވެފައެވެ.

މި ބަޔާނުގައި ރިޔާޒް ވަނީ ރިޔާޒްގެ އެކައުންޓަށް ޖަމާކުރެވުނު 424،255 ޑޮލަރަކީ މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑާއި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހިނގާދިޔަ ވިޔަފާރީގެ މުއާމަލާތަކުން މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑަށް އެސްއޯއެފްގެ ފަރާތުން ލިބެން ޖެހޭ ފައިސާ ކަމަށް ވިދާޅުވެފައެވެ. އަދި މި ފައިސާ ރިޔާޒްގެ އެކައުންޓަށް ޑިޕޮސިޓް ކޮށްފައިވަނީ އެވަގުތު މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުތައް ފްރީޒްކޮށްފައިވާތީ ކަމަށް މިބަޔާނުގައި ވެއެވެ. މީގެ އިތުރުން މި ފައިސާ ވަނީ ފަހުން މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑްގެ އެހެން ބޭންކެއްގައިވާ އެކައުންޓަށް ޗެކަކުން ޖަމާކޮށްފައިކަމަށްވެސް މި ބަޔާނުގައި ވެއެވެ.

އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގުތަކުގައިވެސް މިގޮތަށް އެ ކޮމިޝަނާ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ވެސް ރިޔާޒްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި މި މުއާމަލާތް ހިނގާފައިވާގޮތް ސާފުކޮށް އެނގެން އޮތް އިރު އެއްވެސް ގާނޫނީ ސަބަބެއްނެތި ރިޔާޒްގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކޮށްފައިވާކަމަށް ދައްކާ މައުލޫމާތު ފެތުރުމަކީ ކަމުގެ ހަގީގަތް އޮޅުވާލުންކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ރިޔާޒްގެ އިތުރުންވެސް އެކި މަޖިލީސް މެމްބަރުންނާއި އެކި ކުންފުނިތަކުގެ އިތުރުން ދައުލަތުގެ އިސް މަގާމުތަކުގެ ބޭފުޅުންނަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ފައިސާ ޖަމާކޮށްފައިވާކަމަށް އޭސީސީގެ މި ރިޕޯޓުގައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟