މެންބަރު އަބްދުﷲ ރިޔާޒް

ދާއިރާގެ ރައްޔިތުންގެ އުދާސްތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި: އަބްދުﷲ ރިޔާޒު

ޝަހީދާ އަބްދުﷲ ސައީދު

ތިމަރަފުށި، ކިނބިދޫ ދާއިރާގެ ރައްޔިތުންގެ އުދާސްތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިހެން ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ރައީސް ސޯލިހުއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާއަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން ރިޔާޒު ވަނީ ދާއިރާގެ ރައްޔިތުންނަށް ހުރި ދަތި ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ވަގުތުކޮޅެއް ދެއްވީތީ ރައީސް ސޯލިހުއަށް ޝުކުރު ދަންނަވައިފައެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރިޔާޒް ނިކުންނަވަނީ ތ. ތިމަރަފުށީ ދާއިރާއަށެވެ. އަދި އޭނާ ގެންދަވަނީ އެ ދާއިރާގައި ކެމްޕޭން ވެސް ކުރައްވަމުންނެވެ.