މެންބަރު އަބްދުﷲ ރިޔާޒް

މަސީހު މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް އިއްވުމާއެކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ރިޔާޒު ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ.

އޭނާ ވިދާޅުވީ ރީތިގޮތުގައި އިސްތިއުފާދިނުމަށް މަސީހަށް އަދިވެސް ވަގުތު އެބައޮތް ކަމަށާއި އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.

"މަސީހު ރީތިކޮށް އިސްތިއުފާ ނުދެއްވާކަމަށް ވަންޏާ އޭނަގެ ނޯކޮންފިޑެންސް ނަގައިގެން އޭނަ އެ މަގާމުން ބޭރުކުރާނަން. އެ މަސައްކަތް މިހާރުވެސް އެބަކުރިއަށްދޭ،" ރިޔާޒު ވިދާޅުވިއެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް މީގެކުރިން ޕީޕީއެމް އިން ބުނަމުންދިޔަ 12 މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސްއެޅުމަށް ސަރުކާރުން އެންގިޔަސް އެ އެންގުމަށް ސިފައިންނާއި ފުލުހުން ދެން ތަބާވެގެން ނުވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު އިއްވި ހުކުމުން އެނގިގެން ދިޔައީ "ސްޓޭޓް ސްޕޮންސާޑް ކްރައިމް" އެއްގެ ތެރެއިން މަޖިލީހުގެ ބާރު ކަނޑުވާލާފައިވާކަން ކަމަށާއި އެއީ ތަހުގީގު ކުރެވެންޖެހޭ މައްސަލައެއް ކަމަށެވެ.

"ސްޓޭޓް ސްޕޮންސާޑް ކްރައިމެެއްގެ ތެރެއިން މަޖިލިސް ހުއްޓާލާފައިވާކަން މީގެން ވަރަށް ސާފުކޮށް އެނގޭ. މިއީ މިކަންކަން ބެލިގެން އިންސާފުގެ މަގަށް ރާއްޖެ ގެނައުމުގައި ބަލަންޖެހޭނެ މައްސަލައެއް. މަޖިލީހުގެ ބާރުކަނނޑުވާލި މައްސަލައަކީ ހަމައެކަނި މި ހުކުމުން ނިމެންޖެހޭނެ މައްސަލައެއް ނޫން. މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލެންޖެހޭނެ،" ރިޔާޒު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް އެންމެ ފުރަތަމަ އިދިކޮޅު މެމްބަރުން ހުށަހެޅި މައްސަލަ ވަނީ ކާމިޔާބު ނުވެފައެވެ. އަދި އޭގެފަހުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލާގައި ގާނޫނީ މައްސަލަތަކެއް ހުރުމުން އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.