ޕޮލިސް

އެސްޓީއޯ ފިހާރައެއްގެ ތިޖޫރީ ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

އއ. މަތިވެރީގައި ހުރި އެސްޓީއޯ ބޭސް ފިހާރައިގެ ތިޖޫރީ ވަގަށް ނެގި މައްސަލައިގައި މިއަދު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ ރޭ މަތިވެރީގައި ހިންގި އޮޕަރޭޝަނެއްގައި ތިޖޫރީ ވަގަށް ނަގައިގެން ދިޔަ މީހުން، ފުލުހުން ފެނުމާއެކު ތިޖޫރީ އެއްލައިލުމަށްފަހު ފިލާފައިވާކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެދެ މީހުން ފެނިފައިވަނީ 2:50 ހާއިރު ޕެޓްރޯލް ކުރުމުގެ ތެރެއިންނެވެ.

އަދި އެކަމާ ގުޅިގެން ރަށުތެރޭގެ ހުރިހާ ފިހާރަތަކަކާއި، އޮފީސްތައް ޗެކް ކުރި އިރު އެރަށު އެސްޓީއޯ ބޭސް ފިހާރަ ފަޅާލައި އެތަނުގެ ތިޖޫރީ ވަގަށް ނަގާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.