މިއަދުން މިއަދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދަން ޖެހުނަސް ގަރާރުގައި ސޮއިކުރައްވާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވެއްޑެގެ ގޮނޑި ނުގެއްލޭ ކަމަށް މިއަދު ވަނީ ސުޕްރީމް ކޯޓުން ހުކުމްކޮށްފައެވެ. ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ސުލޫކީ ފިޔަވަޅެއްގެ އުސޫލުން ވައްޑެ މިދިޔަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު ވަކިކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ.
އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ ނޫނީ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ހުކުމްކުރީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގިނަ މެންބަރުންތަކެއް ސޮއި ކުރެއްވުމާ ގުޅިގެން ބަންޑާރަ ނައިބުގެ ފަރާތުން ދުސްތޫރީ މައްސަލައެއް ހުށަހެޅުމުންނެވެ.
ވެއްޑެގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ދުލެއް ނުދެއްވާނެ ކަމަށެވެ.
"މަސީހު ރައީސްކަމުގައި އިންނެވިކަން އަޅުގަނޑު ގަބޫލުނުކުރި ކަމުގައިވީ ނަމަވެސް، އަދިވެސް ގަދަކަމުން ވެސް ހުންނެވީ މަސީހު. އެހެންނަމަވެސް އަޅުގަނޑު މިހުރީ މިއަދުން މިއަދަށް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހުނަސް، އޭގައި އެންމެ ފުރަތަމަ ސޮއިކުރަން ތައްޔާރަށް. ނުދޭނަން ދުލެއް އަޅުގަނޑުމެންނެއް،" އޭނާ ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް ލިބުނު ގެއްލުމާ ދޭތެރޭ މަޝްވަރާކުރުމަށްފަހު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރާނެ ކަމަށާއި ދާއިރާއަށް ދިއުމުގެ ފުރުސަތު ކުރިން ނުދިން ނަމަވެސް މިހާރު އެ ފުރުސަތު ވެސް ލިބިފައިވާ ކަމަށެވެ. އަދި މިއީ މުޅި ދާއިރާއަށް ލިބުނު ކާމިޔާބެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.