ގައުމީ ޔުނިވަސިޓީ

ރާއްޖޭގައި ތިބެގެން ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު ޖައިޝަން

3

ރާއްޖޭގައި ތިބެގެން ސަރުކާރުގެ ހުރިހާ ޔުނީވާސިޓީއެއްގައި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު މިއަދުންފެށިގެން ހުޅުވާލައްވައިފި އެވެ.

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުގެ ދެ ޔުނިވާސިޓީގައި ކުރިއަށް ގެންދާ ފުރަތަމަ ޑިގްރީ ހުރިހާ ކޯސްތަކެއްގައި ވެސް މުޅީން ހިލޭ ކިޔެވުމުގެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށެވެ.

ސަރުކާރުގެ ދެ ޔުނިވާސިޓީއަކީ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ޑިގްރީގެ ހިދުމަތް ފޯރުކޮށްދޭ ޕްރައިވެޓް ކޮލެޖުތަކުގެ ޑިގްރީ ޕްރޮގްރާމްގެ ކޯސް ފީގެ "ވަރަށް މަތީ އިންސައްތައެއް" ދައުލަތުން ދައްކައިދޭނެ ކަމަށެވެ.

ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވާސިޓީތަކުގެ ޑިގްރީ ޕްރޮގްރާމްތަކުގެ ބޮޑު ބަޔަކަށް ވެސް އެ އުސޫލުތަކުގެ މަތީން ސަރުކާރުން ހޭދަ ކުރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ.

"ސަރުކާރުގެ ޔުނިވާސިޓީ އާއި ޕްރައިވެޓް ކޮލެޖުތަކުގައި މިހާރުވެސް އަންނަނީ 8،000 އެއްހާ ދަރިވަރުން ފުރަތަމަ ޑިގްރީއަށް ކިޔަވަމުން. ހިލޭ ކިޔަވަން މިއަދު ހުޅުވައިލި ފުރުސަތާއެކު މި އަދަދު 9،000 އާއި 10،000 ދެމެދުގެ އަދަދަކަށް އިތުރުވާނެ ކަމުގެ އަންދާޒާއެއް ކުރެވޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟