ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ސުލޫކީ ފިޔަވަޅެއްގެ އުސޫލުން ސައުދު މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ވަކިކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ.
އެ ހުކުމްގައި ބުނެފައިވަނީ ސުލޫކީ ފިޔަވަޅު އިސްތިއުނާފުކުރުމަށް ލިބޭ 15 ދުވަހުގެ ތެރޭގައި ސައުދުގެ ފަރާތުން އިސްތިއުނާފު ކޮށްފައިނުވާކަން އެނގެން އޮންނަ ކަމަށާއި ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ސުލޫކީ ފިޔަވަޅެއް އިސްތިއުނާފު ކުރެވޭނީ ހަމައެކަނި އެ މެންބަރަކަށްކަން އެނގެން އޮންނަ ކަމަށެވެ. އަދި ޕާޓީއަށް ނުވަތަ އެހެން މެންބަރަކަށް ވެސް އެކަން އިސްތިއުނާފު ނުކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.
ހުކުމުގައި ބުނެފައިވަނީ ސުލޫކީ ފިޔަވަޅު އަޅައި ޕާޓީން ވަކިކުރުމުން ވެސް އިލެކްޝަން ކޮމިޝަންގައި އޮންނަ ޕީޕީއެމްގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްފައިނުވާތީ ނަން އުނިކޮށްދިނުމަށް ޖުލައި 10 ވަނަ ދުވަހު ސައުދު އިލެކްޝަން ކޮމިޝަނަށް ސިޓީ ފޮނުއްވާފައިވާކަން އެނގެން އޮންނަ ކަމަށާއި މެންބަރަކު ޕާޓީން ވަކިވާން އެދިއްޖެނަމަ އެކަން ކޮށްދިނުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އިލެކްޝަން ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އިލެކްޝަން ކޮމިޝަނުން އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކޮށްފައިނުވުމަކީ ސައުދުގެ ހައްގަށް އުނިކަން އަންނަންޖެހޭނެ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެއެވެ.
އޭގެ އިތުރުން ހުކުމްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރަކީ ވެސް ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމްގެ ކުރީގައި އެކުލަވާލި ގަރާރެއް ކަމަށާއި އެހެންވެ އެ ގަރާރާ ގުޅިގެން ވެސް ސައުދުގެ ގޮނޑި ގެއްލުވާލެވޭނެ ހަމައެއް ނެތް ކަމަށެވެ. އަދި ފްލޯ ކްރޮސިންއާ ގުޅޭ ހުކުމްގައިވާ އެއްވެސް ކަމެއް އެ ހުކުމްގެ ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް ނުބެލެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.