އަމިއްލަ ފައިމައްޗަށް ތެދުވެވުމުން އާއިލާއާ ވަކިވެގެން އުޅޭ ތަރިން ބޮލީވުޑްގައި މަދެއް ނޫނެވެ. އެގޮތުން މިފަހަރު އެ ތަރިންތަކުގެ ލިސްޓަށް މިވަނީ ސައިފް އަލީ ޚާން އަދި އަމްރިތާ ރާއޯގެ ދަރިފުޅު ސާރާ އަލީ ޚާންވެސް އިތުރުވެފަ އެވެ.
ޕަޕަރާޒީން ނަގާފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ސާރާ ފޮށިތައް ކާރަކަށް އަރުވައެވެ. އަދި "ޓާޓާ" ކިޔާތަން ފެނެއެވެ. އޭނާ ފެންނަނީ ދެރަ ވެފައި ހުރި ތަނެވެ.
ނަމަވެސް ސާރާ ގެއިން ނިކުތުން ވަނީ ގިނަ ބަޔަކަށް ޝޮކަކަށެވެ. ބައްޕަ ސައިފް އާއި މަންމަ އަމްރިތާ ވަކި ވުމަށްފަހުވެސް ސާރާ އުޅެފައިވަނީ މަންމަ ގާތުއެވެ. އަދި މިހާތަނަށް އެދެމައިންގެ މެދުގައި މައްސަލަ ތަކެއް ޖެހިފައިވާ ކަމަށްވެސް އެއްވެސް އަޑެއް އަރާފައެއް ނުވެއެވެ.
ބޮލީވުޑް ތަރިންގެ ތެރެއިން ވަރުން ދަވަން، އާލިޔާ ބަޓް، ރަންބީރު ކަޕޫރަކީވެސް ފިލްމީ ދުނިޔެއަށް ވަނުމަށްފަހު އާއިލާއާ ވަކީން އުޅެން ފެށި ތަރިންނެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި ސާރާ ގެއިން ނިކުމެފައިވަނީ "އިންޑިޕެންޑެންޓް"ކޮށް އުޅެން ބޭނުން ވާތީ އެވެ.
އަބީޝެކް ކަޕޫރުގެ ފިލްމު ކެދަރްނާތުން ބޮލީވުޑަށް ނުކުތް ސާރާ ވަނީ އެ ފިލްމާ އޭގެ ފަހުން އޭނާ ކުޅުނު ފިލްމު ސިންބާއިންވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ.