ސުޕްރީމް ކޯޓް

ވައްޑެގެ ހުކުމާއެކު ބާކީތިބި މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭނެ ކަމަށް ބެލެވިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ އެކު ބާކީ ތިބި މެމްބަރުންގެ ގޮނޑި ވެސް ނުގެއްލޭނެ ކަމަށް ބެލެވިއްޖެއެވެ.

ވައްޑެގެ އިތުރުން ދެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.

ވައްޑެގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅީ އޭނާ ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައި ވަނީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް އެ ކޯޓުން މީގެކުރިން ހުކުމް އިއްވުމުގެ ކުރިން ކަމުގައިވާތީއެވެ. އެ ހުކުމަށްފަހު އޭރު ނެރުނު އަމުރެއްގައި ބަޔާންކޮށްފައިވާގޮތުން އެ ހުކުމަށްވުރެ ކުރިން ހިނގާފައިވާ ކަމަކަށް އެ ހުކުމުގެ ބާރެއް ނުހިނގާނެއެވެ.

ވައްޑެގެ އިތުރުން ދެން ތިބި މެމްބަރުންގެ މައްސަލައަށް ބަލާއިރު، އަމީތާއި ސައުދު ވެސް ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައި ވަނީ އެ ހުކުމްގެ ކުރިންނެވެ. އަދި ލަތީފަކީ އަމިއްލަ ގޮތުން އިންތިޚާބުވެވަޑައިގެންނެވި މެމްބަރެކެވެ. އަދި އޭނާ ފަހުން ޕީޕީއެމާ ގުޅިވަޑައިގެންފައި ވަނިކޮށް ޕާޓީން ވަކިކުރިޔަސް އެއީ އެ ހުކުމުގެ ދަށުން ގޮނޑި ގެއްލެންޖެހޭ ސަބަބެއް ނޫން ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.

އެހެންކަމުން އެ ކަންތައްތަކަށް ބަލާއިރު އެ ތިން މެމްބަރުންގެ ގޮނޑި ވެސް ގެއްލިއްޖެ ކަމަށް ކަނޑައެޅިދާނެ ކަމަކަށް ނުބެލެވެއެވެ.