ޝަހީދާ އަބްދުﷲ ސައީދު
މާލެއަށް އެއްގަމުގައި ދުއްވާ އުޅަނދު އެތެރެކުރާ މިންވަރު މަދުކުރަންޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގައި ދުއްވާ އުޅަނދުތައް ކޮންޓްރޯލު ކުރުމާ ބެހޭ ގޮތުން ސިޓީ ކައުންސިލުން ޓްރާންސްޕޯޓް މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ޝިފާ ވިދާޅުވީ މާލެއަށް އެތެރެކުރާ އުޅަނދުތަކުގެ ފުޅާމިނާއި މޮޑެލް ބެލުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.
އަދި މާލޭގެ ބައެއް މަގުތަކުގައި ބާވެ، ގިނަ ދުވަސްވެފައިވާ އުޅަނދުތައް ހުރިކަން ފާހަގަކުރައްވައި ޝިފާ ވިދާޅުވީ ބައެއް އުޅަނދުތައް އޮތްތަނަށް ރޫޅެމުންދާ ކަމަށެވެ.
މީގެ އިތުރުން މާލޭގައި ޕާކިން ޒޯންތައް އިތުރުކުރަންޖެހޭކަން ވެސް ޝިފާ ފާހަގަކުރެއްވިއެވެ.
އެގޮތުން އިތުރު އިމާރާތްތައް ނާޅައިކަމަށްވާ ނަމަ ހުސްބިންތައް ޕާކިން ޒޯނަށް ބަދަލުކޮށް އުޅަނދުތަކަށް ޕާކުކުރެވޭގޮތް ހެދުމުން މާލޭ ތޮއްޖެހުން ކުޑަވެ ރައްޔިތުންނަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.