19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން މަޖިލީހުގައި ވާދަ ނުކުރަން ނިންމާފައިވާ އެގާރަ ދާއިރާ މިއަދު ހާމަކޮށްފިއެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއާރުއެމްގެ މަޖިލިސް ކެމްޕޭންގެ ތަރުޖަމާނު ތަޒުމީލް އަބްދުއްސަމަދު ވިދާޅުވީ، ރައީސް މައުމޫންގެ ތާއިދާއެކު ވާދަނުކުރަން ނިންމި ދާއިރާ ތަކަކީ ކޯލީޝަނުގެ އެހެން ޕާޓީތަކަށް ވަރަށް މުހިންމު ދާއިރާތަކެއް ކަމުން އެ ދާއިރާތަކަށް ވާދަ ނުކުރަން ރައީސް މައުމޫން ނިންމެވީ ކަމަށެވެ.
އެގޮތުން ހުޅުމާލެ ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ދިއްދޫ ދާއިރާ، ހަނިމާދޫ ދާއިރާ، މަކުނުދޫ ދާއިރާ، މަޑުއްވަރީ ދާއިރާ، މާމިގިލި ދާއިރާ، ތިމަރަފުށި ދާއިރާ، ވިލިނގިލި ދާއިރާ، ތިނަދޫ ދެކުނު ދާއިރާގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާއަށް އެމްއާރުއެމްއިން ވާދަ ނުކުރަން ވަނީ ނިންމައިފައެވެ.
މީގެއިތުރުން އެމްއާރުއެމް ގެ ފަރާތުން ބައެއް ދާއިރާތަކަށް ވާދަކުރެއްވި ކެންޑިޑޭޓުން، އަނބުރާ ނަން ގެގޮސްފައިވާތީ، ވާދަ ނުކުރަން ނިންމާފައިވާ އެގާރަ ދާއިރާ ފިޔަވައި ދެންހުރި ދާއިރާތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އެމްއާރުއެމްގެ ފަރާތުން މިހާރުވަނީ ރައީސް މައުމޫންގެ ފުރިހަމަ ތާއީދާއެކު މިހާތަނަށް 24 ދާއިރާއަކަށް ކެންޑިޑޭޓުން ނެރެން ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ދީފައިވާ އެންމެ ފަހު ވަގުތާ ހަމައަށްވެސް އެމްއާރުއެމްއިން އިތުރު ދާއިރާތަކަށް ކެންޑިޑޭޓުން ނެރުމަށް މަސައްކަތް ކުރާނެ ކަމަށް ކެމްޕެއިން ތަރުޖަމާނު ތަޒުމީލް ވިދާޅުވެފައި ވެއެވެ.