ހައުސިން މިނިސްޓްރީ

ގޯއްޗަށް ފޯމު ދޫކުރުމާއި ބަލައިގަތުން ހުއްޓާލައިފި

ހުޅުމާލޭ ދެވަނަ ފޭހުން ވިއްކަން އިއުލާނުކުރި 400 ގޯއްޗަށް ފޯމު ދޫކުރުމާއި ބަލައިގަތުން ހައުސިން މިނިސްޓްރީން ހުއްޓާލައިފި އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އިއުލާނު ކުރީ ހުޅުމާލޭ ފޭސް ދެޔަކުން 1000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށެވެ. އަދި އިއްޔެއިން ފެށިގެން ފޯމުވެސް ދޫކުރަން ފެށި އެވެ.

ހައުސިން މިނިސްޓްރީން ފޯމު ބަލައިގަތުން މެދުކަނޑައިލި މިލީ އެ މަޝްރޫއުގައި ސުވާލު އުފެދޭ ގިނަ ކަންތައް ތަކެއްގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ވެސް ހުރުމާ އެކު، އެކަން ކުރިޔަށް ނުގެންދަން އޭސީސީން އެ މިނިސްޓްރީއަށް އަންގާފައި ވަނިކޮށެވެ. އޭސީސީން ބުނެފައި ވަނީ އެކަން އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހައުސިން މިނިސްޓްރީން ގޯތި ދޫކުރަން އިއުލާނުކުރިތާ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި އެކަން ހުއްޓައިލަން އޭސީސީން އެ މިނިސްޓްރީއަށް އެންގި ނަމަވެސް، އިއުލާނު ކުރި ފަދައިން ހަވީރު 4:00 އިން ފެށިގެން ގޯތި ފޯމު ވަނީ ދޫކުރަން ފަށައިފަ އެވެ.