އެމްއާރްއެމް

މިވަގުތު 24 ދާއިރާއަކަށް ވާދަކުރަން ނިންމި ނަމަވެސް އެ އަދަދު ދެގުނަ އިތުރުވުން އެކަށީގެންވޭ: އެމްއާރުއެމް

ޝަހީދާ އަބްދުﷲ ސައީދު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު މިހާތަނަށް 24 ދާއިރާއަކަށް ވާދަކުރަން ނިންމާފައިވީ ނަމަވެސް އެ އަދަދު ދެގުނަ ވެގެން ހިނގައިދާނެކަމަށް އެމްއާރުއެމްގެ މަޖިލިސް ކެމްޕޭންގެ ތަރުޖަމާނު ތަޒުމީލް އަބްދުއްސަމަދު ވިދާޅުވެއްޖެއެވެ.

އެމްއާރުއެމް ފަރާތުން މިއަދު ނޫސްވެރީންނަށް މައުލޫމާތުދެއްވަމުން ތަޒުމީލް ވިދާޅުވީ ރައީސް މައުމޫންގެ ފުރިހަމަ ތާއީދާއެކު މިހާތަނަށް 24 ދާއިރާއަކަށް ކެންޑިޑޭޓުން ނެރެން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ދީފައިވާ އެންމެ ފަހު ވަގުތާ ހަމައަށްވެސް އެމްއާރުއެމްއިން އިތުރު ދާއިރާތަކަށް ކެންޑިޑޭޓުން ނެރުމަށް މަސައްކަތް ކުރާނެ ކަމަށް ތަޒުމީލް ވިދާޅުވިއެވެ.

ތަޒުމީލު ވިދާޅުވީ މަޖިލީހުގެ އެގާރަ ދާއިރާއަކަށް ވާދަ ނުކުރަން ރައީސް މައުމޫން ނިންމަވާފައިވާ ކަމަށެވެ. އެ އެގާރަ ދާއިރާއަކީ ކޯލިޝަނުގެ އެހެން ޕާޓީތަކަށް ވަރަށް މުހިންމު ދާއިރާތަކެއް ކަމުން އެދާއިރާތަކަށް ވާދަނުކުރަން ރައީސް މައުމޫން ނިންމެވީ ކަމަށް ތަޒުމީލު ވިދާޅުވިއެވެ.

މީގެއިތުރުން ތަޒުމީލު ވިދާޅުވީ މަޖިލީހުގެ އިތުރު ދާއިރާތަކަށް ކުރިމަތިލުމަށް ގިނަ ފަރާތްތަކަކުން އެދެމުން އަންނަ ކަމަށާއި އެކަމާބެހޭ ގޮތުން އެފަރާތްތަކާ ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުމުގެ ރަސްމިއްޔާތުވެސް ވަރަށް އަވަހަށް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގެ ޝިއާރުގެ ގޮތުގައި ބޭނުންކުރާނީ ''މާއްދާ 4'' ކަމަށް ތަޒުމީލު ވިދާޅުވިއެވެ.