މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަޅައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މއ. ކާމިނީހުޅަނގުގެ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގ ގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
އިތުރު މައުލޫމާތެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެއެވެ.
މަނީ ލޯންޑްރިން ކުރުމުގެ ތުހުމަތު ޔާމީންގެ މައްޗަށް ފުލުހުން ކޮށްފައިވާއިރު، ފުލުހުން މިދިޔަ ހަފްތާ ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ފުލުހުން ހޯދި މައުލޫމާތާއި ހެއްކާއި ގަރީނާތަކުން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމުގެ މައުލޫމާތު ލިބުމުން އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ.
އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށާއި އެ ފައިސާ ދައުލަތަށް އަނބުރައި ހަވާލުކުރުމަށް ކުރީގެ ރައީސް ޔާމީނަށް ދެންނެވި ކަމަށެވެ.
އަދި އެ ފައިސާ ދައުލަތަށް އަނބުރައި ހަވާލުނުކޮށް ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި އެ ފައިސާތައް ދައުރުކޮށް މުއާމަލާތުކޮށްގެން މާލީ މަންފާ ހޯދިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
މަނީ ލޯންޑާކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔައިރު، އެމަނިކުފާނު ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތުގައި ވެސް އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލައިދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ.