ކްރިމިނަލް ކޯޓް

72 ގަޑިއިރު ތެރޭގައި އަލީ ވަހީދު ހާޒިރު ނުވެއްޖެ ނަމަ އަސްހަދަށް ފިޔަވަޅު އަޅަން ކޯޓުން ނިންމައިފި

1

މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ގިނަ ބަޔަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު 72 ގަޑިއިރު ތެރޭ ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި އެގޮތަށް ނިންމެވީ އެ ކޯޓުގެ ގާޒީ ހަސަން ސައީދެވެ.

ޖިންސީ ގޯނާގެ ތަފާތު ހަތް މައްސަލައެއްގައި ހައްޔަރު ކޮށްފައި ވަނިކޮށް، ގެރެންޓީއެއްގެ ގޮތުގައި މަޝްހޫރު ފުޓު ބޯޅަ ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ) ކޯޓުގައި ޖާމިނުކޮށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ.

ބޭސް ފަރުވާއަށް އޭނާއަށް ދިން ހަތަރުމަސް ދުވަހުގެ މުއްދަތު ހަމަވިއިރުވެސް ރާއްޖޭން ދިޔަ ގޮތަށް އޭނާ ހުރީ އިނގިރޭސި ވިލާތުގައެވެ.

އެގައުމުގައި ހުރެ، އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންގޮސްދިނުމަށް ކުރިމިނަލް ކޯޓުގައި އޭނާ އެދުނެވެ. އެކަމާ ގުޅިގެން އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އލީ ވަހީދު ހާޒިރުކޮށްގެން އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމައި ކުރިމިނަލް ކޯޓުގައި އެ ޝަރީއަތްތައް ފެށި ނަމަވެސް ދެ އަޑުއެހުމަށްފަހު އެގޮތަށް ޝަރީއަތް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހެދިއެވެ. އަދި އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް އޮންލައިންކޮށް އޭނާ ވެންނެވީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ހާޒިރުވެގެން ކަން ސާފު ނުވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ޝަރީއަތުގައި ބައިވެރި ވަނީ، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެގެން ކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިއުތިރާޒު ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް އެ މައްސަލަ ހައިކޯޓުން ބޭރު ކޮށްލިއެވެ.

ހައިކޯޓުން ބޭރު ކުރި މައްސަލަ ޕްރޮސެކިއުޓާޖެނެރަލް (ޕީޖީ) ގެ ފަރާތުން އަލުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލަ ބެލުމަށްފަހު، އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުންތައް އޮންލައިން ކޮށް ކުރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން އަމުރުކުރިއެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި އަޑު އެހުމުގައި ގާޒީ ހަސަން ސައީދު ވިދާޅުވީ، 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ކޯޓުގެ ގަދަރު ހިފެހެއްޓުމަށް ޓަކައި، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވައިދުގެ ދަށުން އަސްހަދަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ރާއްޖޭން ބޭރުގައި ހުރެގެން އޮންލައިންކޮށް ޝަރީއަތްތަކުގައި އަލީ ވަހީދަށް ބައިވެރި ވެވޭ ގޮތަށް މީގެ ކުރިން އިންތިޒާމުތައް ހަމަޖެއްސެވީ، އެތަނުގައި ހުރެގެން ބޭސް ފަރުވާ ކުރިއަށްގެންދަން ޖެހޭ ކަމުގެ ލިޔުންތަކެއް ހުށަހެޅުމުން ކަމަށާއި، ނަމަވެސް އެކަމަށް މިހާރު އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

މީގެ އިތުރުން މަތީ ކޯޓުތަކަށް އެންގުމުންވެސް ހާޒިރު ނުވެ އަލީ ވަހީދު އެ ކޯޓުތަކުގެ ހުރުމަތް ކަނޑަމުންދާކަން ވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

ގާޒީ މިހެން ވިދާޅުވި އިރު، ޗިޓު ފޮނުވައިގެން އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވި މައްސަލައިގައި، ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މިއަދުގެ ޝަރީއަތް ކުރިއަށް ގެނދިޔައީ އަޑުބަރޭ ވެސް ހާޒިރު ކޮށްގެންނެވެ.

ޝަރީއަތުގެ މަޖިލީހުގައި އަޑުބަރޭ ވިދާޅުވީ، އަލީ ވަހީދުގެ މައްސަލައިގައި ޖާމިނުވީ ހަތަރު މަސް ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމަށެވެ.

އެ ޖާމިނު ވުމާ އެއްގޮތަށް، ހަތަރު މަސްތެރޭގައި، އޮންލައިންކޮށް އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަލީ ވަހީދު މިހާރު ކޯޓަށް ހާޒިރު ނުވުމަކީ އޭނާގެ ޒިންމާއެއް ނޫން ކަންވެސް ފާހަގަ ކުރެއްވިއެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ތަކުގެ ތެރޭގައި، ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ ހިމެނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟