މުޙައްމަދު ޝަމްޢޫން
ބަހްރައިންގައި އަންނަ މަހު ދެއަކުން ހަޔަކަށް ކުރިއަށްދާނެ އޭޝިއަން ޔޫތު ޕެރަ ގޭމްސް އިވެންޓްގައި ރާއްޖެ ތަމްސީލު ކުރާނެ އެތުލީޓަކީ ހައްވާ އީޝަލް ރިޔާޒެވެ. ތާޖުއްދީން ސްކޫލްގެ އީޝަލް ވަދަކުރާނީ ޕެރަ ބެޑްމިންޓަން އިވެންޓްގައެވެ. އީޝަލްގެ ފުރުސަތަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޕެރަލިމްޕިކްސް ކޮމިޓީން އިސްނެގި ފުރުސަތެކެވެ. ތާޖުއްދީން ސްކޫލުގެ ގްރޭޑް ނުވައެއްގައި ތައުލީމް ހާސިލު ކުރަމުން އަންނަ އީޝަލް އަށް ލިބުނު ފުރުސަތު ވަރަށް ވެސް ހާއްސައެވެ.
އީޝަލްއަކީ ރާއްޖެއިން ޕެރަ ގޭމްސްއަށް ދާނެ އެންމެ ހަގު އެތުލީޓެވެ. އޭގެ އިތުރުން މިއީ ރާއްޖޭގެ އަންހެން ޕެރަ އެތުލީޓަކު ބައިނަލްއަގުވާމީ މައިދާނުގައި ބެޑްމިންޓަން އިވެންޓަކުން ފެންނާނެ ފުރަތަމަ ފަހަރުވެސް މެއެވެ. އެ ފުރުސަތުގެ ހާއްސަކަން އީޝަލްގެ ސްކޫލުންވެސް ވަރަށް ބޮޑަށް ފާހަގަކޮށް، އީޝަލްއަށް ކާމިޔާބީއަށް އެދިފައިވެއެވެ. މަރުހަބާގެ އެތައް މެސެޖު ތަކަކާއެކުވެސް އެންމެ ފާހަގަވީ ބައްޕަގެ މަރުހަބާއެވެ.
އީޝަލްއަށް ލިބުނު ފުރުސަތަށް އުފާކޮށް ބައްޕަ އަހުމަދު ރިޔާޒް ޓުވިޓާއަށް ދޫކޮށްލީ އަސަރުގަދަ، ލޯބި މެސެޖެކެވެ. ލޯބިވާ ދަރިފުޅަށް ޓަކައި ރިޔާޒް ފަހުރުވެރިވި މިންވަރާއެކު އޭނާއަށް ކުރެވުނީ ފޮނި އިހުސާސެކެވެ.
"މާޝާ ﷲ. އަހަރެންގެ ދުނިޔެ ފަދަ ލޯބި ދަރިދުޅު މިއަދު އެ ދަނީ ބަހުރައިން އަށް. ދަރިފުޅު އޭޝިއަން ޔޫތު ޕަރަ ގޭމްސްގައި ރާއްޖެ ތަމްސީލުކުރާނެ. ދަރިފުޅަކީ ރާއްޖެއިން ޕެރަ އިވެންޓަކަށް ދިޔަ ފުރަތަމަ އަންހެން ބެޑްމިންޓަން އެތުލީޓް. ދަރިފުޅަކީ އަސްލުވެސް ހީރޯއެއް. ދަރިފުޅު ދެކެ ވަރަށް ލޯބިވޭ،" އީޝަލްގެ ބައްޕަ ކުރި ޓުވީޓުގައިވެއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްވެސް ވަނީ އީޝަލް ފުރުމުގެ ކުރިން ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފައެވެ.
ބަހްރައިންގެ މަނަމާގައި މިއަހަރު ބާއްވާނީ އޭޝިއަން ޔޫތު ޕަރަ ގޭމްސްގެ ހަތަރުވަނަ އެޑިޝަން އެވެ. މިފަހަރުގެ އިވެންޓްގައި ޖުމުލަ ނުވަ ކުޅިވަރެއް ހިމެނޭ އިރު، 33 ގައުމަކުން ވާދަކުރާނެއެވެ. ރާއްޖެއިން ވާދަކުރާނީ ޕެރަ ބެޑްމިންޓަން އަންހެން އިވެންޓުގައި އެކަންޏެވެ.