މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ)

ވައްޑޭގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެ އަކު ހުކުމްކޮށްފި އެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ސުލޫކީ ފިޔަވަޅެއްގެ އުސޫލުން ވައްޑެ މިދިޔަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު ވަކިކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ.

އެ ހުކުމްގައި ބުނެފައިވަނީ ސުލޫކީ ފިޔަވަޅު އިސްތިއުނާފުކުރުމަށް ލިބޭ 15 ދުވަހުގެ ތެރޭގައި ވައްޑެގެ ފަރާތުން އިސްތިއުނާފު ކޮށްފައިނުވާކަން އެނގެން އޮންނަ ކަމަށާއި ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ސުލޫކީ ފިޔަވަޅެއް އިސްތިއުނާފު ކުރެވޭނީ ހަމައެކަނި އެ މެންބަރަކަށްކަން އެނގެން އޮންނަ ކަމަށެވެ. އަދި ޕާޓީއަށް ނުވަތަ އެހެން މެންބަރަކަށް ވެސް އެކަން އިސްތިއުނާފު ނުކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.

ޕާޓީއަށް ނޫނީ އެހެން މެންބަރަކަށް އިސްތިއުނާފު ނުކުރެވޭ އިރު، ޕީޕީއެމްއިން އެކަން އިސްތިއުނާފު ކުރި ކަމަށް ބުނެފައިވާ ކަމަށް ހުކުމުގައިވެއެވެ. އަދި ވައްޑެއާ ގުޅޭ އިތުރު ސުލޫކީ މައްސަލައެއް ވެސް ބަލާފައިވާކަން އެނގެން އޮންނަ ކަމަށާއި ޕީޕީއެމްއިން ވައްޑެ ވަކިވި ކަމަށް ބެލޭނެ ގާނޫނީ ތާރީހަކީ މާޗް މަހުގެ 28 ކަމަށް ބުނެފައިވެއެވެ.

ހުކުމުގައި ބުނެފައިވަނީ ސުލޫކީ ފިޔަވަޅު އަޅައި ޕާޓީއިން ވަކިކުރުމުން ވެސް އިލެކްޝަން ކޮމިޝަންގައި އޮންނަ ޕީޕީއެމްގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްފައިނުވާތީ ނަން އުނިކޮށްދިނުމަށް ޖުލައި 10 ވަނަ ދުވަހު ވައްޑެ އިލެކްޝަން ކޮމިޝަނަށް ސިޓީ ފޮނުއްވާފައިވާކަން އެނގެން އޮންނަ ކަމަށާއި މެންބަރަކު ޕާޓީން ވަކިވާން އެދިއްޖެނަމަ އެކަން ކޮށްދިނުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އިލެކްޝަން ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އިލެކްޝަން ކޮމިޝަނުން އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކޮށްފައިނުވުމަކީ ވައްޑެގެ ހައްގަށް އުނިކަން އަންނަންޖެހޭނެ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެއެވެ.

އޭގެ އިތުރުން ހުކުމްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރަކީ ވެސް ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމްގެ ކުރީގައި އެކުލަވާލި ގަރާރެއް ކަމަށާއި އެހެންވެ އެ ގަރާރާ ގުޅިގެން ވެސް ވައްޑެ ގޮނޑި ގެއްލުވާލެވޭނެ ހަމައެއް ނެތް ކަމަށެވެ. އަދި ފްލޯ ކްރޮސިންއާ ގުޅޭ ހުކުމްގައިވާ އެއްވެސް ކަމެއް އެ ހުކުމްގެ ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް ނުބެލެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.

މާޗް މަހުގެ 28 އިން ފެށިގެން ވައްޑެއަކީ ޕީޕީއެމްގެ މެންބަރަކަށް ނުވާއިރު އޭގެ ފަހުން މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ވައްޑެ ސޮއިކުރެއްވުމުން އެ ސޮއި އަނބުރާ ނަގަން ޕީޕީއެމްއިން އެންގި އެންގުމަކީ ސައްހަ އެންގުމެއް ނޫން ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.