ޝަހީދާ އަބްދުﷲ ސައީދު
ކަފިހި ހުރަސްމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގައި ކާރަކުން ޖެއްސި މަންޒަރު ފެނުނު ފަރާތަކުން އެކަން ފުލުހުންނަށް ރިޕޯޓްކުރުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު ސެނަހިޔާ ކައިރިން ހިނގާފައި ދިޔަ ދެ އަންހެނަކު، ކަފިހި ހުރަސްމަތިން ހުރަސްކުރަނިކޮށް ދުއްވާފައި ދިޔަ ކާރެއް މަޑުނުކޮށް އެތަނުން އެކެއްގެ ގައިގައި ޖެއްސުމުން އޭނާ ވެއްޓެން ދިޔައިރު ދެ ވަނަ މީހާގެ ގައިގައި ޖެހި، ދެ ވަނަ މީހާ ވެއްޓި، ކަފިހި ހުރަހުގެ އަރިމަތީގައި ހަރުކޮށްފައި ހުރި ސްޕީޑް ބަންޕަރުގައި އޭނާގެ ބޯ ޖެހުމުން، ބޮލަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވާ ކަމަށެވެ.
އަދި އެހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 6:24 ގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެނގިފައިވާ ގޮތުގައި އެހާދިސާގައި އަންހެން މީހާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ. އަދި އޭޑީކޭގައި އައިސީޔޫގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި ޓެކްސީގެ ޑްރައިވަރު ވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. ނަމަވެސް ފުލުހުން އެކަމަށް ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.