އަލީ ހުސައިން

މީޑިއާ ހިންގުމަކީ އަމިއްލަ ފަރާތްތަކުން ކުރާ ކަމަކަށް ބަދަލުވާން އެބަޖެހޭ: އަލީ ހުސެއިން

މީޑިއާ ހިންގުމަކީ އަމިއްލަ ފަރާތްތަކުން ކުރާ ކަމަކަށް ބަދަލުވާން އެބަޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ޚަބަރުގެ ޒަމާނުން މީޑިއާ މިހާރު ނެއްޓެން ޖެހިއްޖެ ކަމަށެވެ.

"ދައުލަތުން މީޑިއާ ރެގިއުލޭޓް ކުރީމަ ނިމުނީ." އަލީ ގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އަލީ ހުސެއިން މިހެން ވިދާޅުވި އިރު، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ދައުލަތުގެ މީޑިއާ ޕީއެސްއެމް، ކެމްޕޭމް ހަތިޔާރެއްގެ ގޮތުގައި ސަރުކާރުން ވަނީ ބޭނުންކޮށްފަ އެވެ. އޭގެ ކުރީން ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ދައުލަތުގެ މީޑިއާ ބޭނުންކޮށްފައި ވަނީ ސަރުކާރުގެ ޕްރޮޕެގެންޑާ އެކަނި ފަތުރާ މީޑިއާއެއްގެ ގޮތުގަ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓަރު، މުހައްމަދު އިކްރާމް ލަތީފު ވަނީ އަމަލީ ގޮތުން ވެސް ބައިވެރިވެވަޑައިގެން ކެމްޕޭމް ރެލީތައް ވެސް ހުށަހަޅުއްވައިދެއްވައިފަ އެވެ. އަދި ޕީއެސްއެމްގެ މެނޭޖިންގް ޑައިރެކްޓަރު އިބްރާހީމް ޚަލީލު ވެސް ވަނީ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑަގެންފަ އެވެ.